ކުންފުނިތަކާއި އޮފީސްތަކުގެ އެޗުއާރު މަސައްކަތްތަކަށް ހާއްސަކޮށްގެން، ރާއްޖޭގެ ޑިޒައިން އަދި ޓެކް ކުންފުނި ލޫޕްކްރާފްޓުން އުފައްދާފައިވާ އެޗުއާރު ޕްލެޓްފޯމް "ހިއުމަންލޮޓް" އަށް އާ ދެ ފީޗާއެއް އިތުރުކޮށްފި އެވެ.  

އެއީ "ރެކްރޫޓްމަންޓް" މޮޑިއުލަކާއި ޑިޖިޓަލް ބިޒްނަސް ކާޑު ފީޗާއެކެވެ.

"ރެކްރޫޓްމަންޓް" މޮޑިއުލަކީ އޭއައި ހިމަނައިގެން އެ ޕްލެޓްފޯމަށް މިހާތަނަށް ތައާރަފު ކޮށްފައިވާ އެންމެ ބޮޑެތި ފަސޭހަތައް ހިމެނޭ މޮޑިއުލްއެކެވެ.

"ހިއުމަންލޮޓް" ގެ ރެކްރޫޓްމަންޓް ސިސްޓަމުގެ އެހީގައި ކުންފުންޏަށް މުވައްޒަފުން ހޯދުމާ ގުޅޭ ހުރިހާ ކަމެއް ކުރެވޭނެ އެވެ. އެގޮތުން ވަޒީފާގެ ފުރުސަތު ދަނެގަނެ ވަޒީފާގެ އިއުލާނު ތައްޔާރުކޮށް، ކުންފުންޏާ ގުޅުން ހުރި ހުރިހާ ވެބްސައިޓުތަކުގައި އިއުލާނު ޝާއިއު ކުރެވޭނެ އެވެ.

ވަޒީފާއާ ގުޅިގެން ކެންޑިޑޭޓުން ފޮނުވާ ފޯމުތައް ބަލައިގަނެ، އެ މީހުން ސްކްރީންކޮށް އިންޓަވިއުކުރުމުގެ އިދާރީ ކަންކަން ވެސް ހިއުމަންލޮޓް ރެކްރޫމަންޓު ސިސްޓަމްގެ އެހީގައި ކުރެވޭނެ އެވެ. އަދި ވަޒީފާ އަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓެއް ހޮވައި ލިޔުން ވެސް ފޮނުވޭނެ އެވެ.

"ހިއުމަންލޮޓް"އަށް ތައާރަފްކޮށްފައިވާ "ރެކްރޫޓްމަންޓް" ފީޗާ. -- ފޮޓޯ: ލޫޕްކްރާފްޓް
"ހިއުމަންލޮޓް"އަށް ތައާރަފްކޮށްފައިވާ "ރެކްރޫޓްމަންޓް" ފީޗާ. -- ފޮޓޯ: ލޫޕްކްރާފްޓް

މި ކަންކަމުގެ އިތުރުން އިންޓަވިއު ތާވަލުކޮށް، އިންޓަވިއު ޕެނަލްގެ މެންބަރުންނަށް މަސައްކަތް ހަވާލުކޮށް، ވަޒީފާ އަށް އެދޭ މީހުންނަށް މާކުސް ދޭނެ ސިސްޓަމެއް ހެދުމުގެ މަސައްކަތް ވެސް މި މޮޑިއުލުން ކޮށްދޭނެ އެވެ. ވަޒީފާތަކަށް އިއުލާނު ކުރުމަށް ބޭނުންވާ މައުލޫމާތުތައް ލިޔެ ޝަރުތުތައް ހަމަވާ މީހުން ޝޯޓްލިސްޓުކޮށް، ކުންފުނިން ކުރިން ވަޒީފާ އަށް މީހުން ހޮވުމުގައި ގެންގުޅެފައިވާ އުސޫލުތަކަށް ބަލައި، އެ ވަޒީފާއަކަށް އެންމެ އެކަށީގެންވާ މީހާ އޭއައިގެ އެހީގައި މި މޮޑިއުލުން ދެނެގަންނާނެއެވެ.

އެއީ ކުންފުނީގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކުރެވޭނެ ގޮތަށް އުފައްދައިފައިވާ މޮޑިއުލެކެވެ. ކުރުކޮށް ބުނާ ނަމަ ވަޒީފާ އަށް މީހަކު ނެގުމާ ގުޅޭ ޖުމުލަ ހައްލެއް މި މޮޑިއުލުން ފޯރުކޮށްދޭނެއެވެ.

"ހިއުމަންލޮޓް"އަށް ތައާރަފްކޮށްފައިވާ "ރެކްރޫޓްމަންޓް" ފީޗާ. -- ފޮޓޯ: ލޫޕްކްރާފްޓް
"ހިއުމަންލޮޓް"އަށް ތައާރަފްކޮށްފައިވާ "ރެކްރޫޓްމަންޓް" ފީޗާ. -- ފޮޓޯ: ލޫޕްކްރާފްޓް

"ހިއުމަންލޮޓް" ސޮފްޓްވެއާއަށް ދެވަނައަށް ތައާރަފްކޮށްފައި ވަނީ ޑިޖިޓަލް ބިޒްނަސް ކާޑް ފީޗާއެކެވެ.

މިއީ ކުންފުނިތަކުގެ މުވައްޒަފުންގެ ބިޒްނަސްކާޑުތައް "ހިއުމަންލޮޓް" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހިއްސާ ކުރެވޭ ފީޗާއެކެވެ. އެ ފީޗާ ހާއްސަ ކޮށްފައި ވަނީ ކިއުއާރުކޯޑު، ލިންކު ނުވަތަ އެންއެފްސީ މެދުވެރިކޮށް ބިޒުނަސް ކާޑު ހިއްސާ ކުރެވޭ ގޮތަށެވެ.

މި ފީޗާގެ އެހީގައި މުވައްޒަފުންގެ މައުލޫމާތަށް އަންނަ ބަދަލުތައް ވަގުތުން އަޕްޑޭޓް ކުރެވޭނެ އެވެ. އަދި ބިޒްނަސް ކާޑު ދޭ މީހުންނަށް ފެންނާނެ މައުލޫމާތުތައް ވެސް އެ ކުންފުންޏަކަށް ކޮންޓްރޯލް ކުރެވޭނެ އެވެ. މިއީ ރައްކާތެރިކަމާ އެކު، މުވައްޒަފުންނަށް އެ މީހުންގެ މައުލޫމާތު ހިއްސާ ކުރުމަށް ތައާރަފުކުރި ފީޗާއެއް ކަމަށް ލޫޕްކްރާފްޓުން ބުންޏެވެ. 

"ހިއުމަންލޮޓް"އަށް ތައާރަފްކޮށްފައިވާ ބިޒްނަސް ކާޑު ފީޗާ ބޭނުން ކުރަނީ. -- ފޮޓޯ: ލޫޕްކްރާފްޓް
"ހިއުމަންލޮޓް"އަށް ތައާރަފްކޮށްފައިވާ ބިޒްނަސް ކާޑު ފީޗާ ބޭނުން ކުރަނީ. -- ފޮޓޯ: ލޫޕްކްރާފްޓް

ހިއުމަންލޮޓް" އަކީ ކުންފުނިތަކުން މެނުއަލްކޮށް އެކްސެލް ޝީޓުތަކާއި އެކި ޑިޖިޓަލް ސިސްޓަމްތައް މެދުވެރިކޮށް ކުރަމުން އައި މަސައްކަތްތައް އެއް ތަނަކުން ބަލަހައްޓައި، މެނޭޖު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭ ސޮފްޓުވެއާއެކެވެ. މި ސޮފްޓުވެއާގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޗުއްޓީ އަށް އެދުމާއި މުވައްޒަފުންނާ ގުޅޭ ހުރިހާ ކަމެއް ކުރެވޭނެ އެވެ. އަދި މިއީ މުވައްޒަފުންގެ ޕާފޯމަންސް މުރާޖައާ ކުރުމަށއް ވެސް ބޭނުން ކުރެވޭނެ ފީޗާ ހިމެނޭ ސޮފްޓުވެއާއެކެވެ.

ހިއުމަންލޮޓްއަކީ މިހާރު ވެސް ރާއްޖޭގައި 100 އަށް ވުރެ ގިނަ ކުންފުނިން ބޭނުންކުރަމުން އަންނަ ދިވެހި އުފެއްދުމެކެވެ. މި ޕްލެޓްފޯމު މިހާރަށް ވުރެ ފުރިހަމަ ކުރުމަށް ކުންފުނިތަކުގެ އެކި ބޭނުންތަކާ ގުޅޭ އެކި ފީޗާތައް އިތުރު ކުރުމުގެ މަސައްކަތް ކުރާ ކަމަށް ލޫޕްކްރާފްޓުން ބުންޏެވެ. 

"ހިއުމަންލޮޓް" އާއި ލޫޕްކްރާފްއާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުންނާއި 3009001 އިން ލިބޭނެ އެވެ.