މިދިޔަ އަހަރު ނިމުނުއިރު އެއާޕޯޓު ޑިވަލޮޕްމެންޓް ފީ އިން ދައުލަތަށް 1.9 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އިން ލިބުނު އަދަދު އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 70 ޕަސެންޓް އިތުރެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އިން އޭގެ ކުރީ އަހަރު ދައުލަތަށް ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ. އެހެންވެ، މިދިޔަ އަހަރު ވަނީ އިތުރު 800 މިލިއަން ރުފިޔާ ލިބިފަ އެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އިން ލިބުނު އަދަދު ބޮޑުވީ، އެ ފީ އާއި ޑިޕާޗާ ޓެކްސް އަށް ގެނައި ބަދަލާ އެކު، އޭގެ ފީ އިތުރުވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލު ކުރަން ފެށި ބަދަލުގެ ސަބަބުން އިކޮނޮމީ ކްލާހުގައި ރާއްޖެ އިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ޓެކްސް އަށް ބަދަލެއް ނަޔަސް، ބިދޭސީންގެ އަތުން ނަގަމުން އައި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރަށް ބޮޑުވާނެ އެވެ.

ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ ވެސް 120 ޑޮލަރަށް ބޮޑުވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240 ޑޮލަރަށް ބޮޑުވާނެ އެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

ދައުލަތަށް ވަންނަ އާމްދަނީގެ ގާތްގަނޑަކަށް ހަ ޕަސެންޓް ހިއްސާކުރަނީ އެއާޕޯޓު ޑިވެލޮޕްމެންޓް ފީއަށެވެ.

މިދިޔަ އަހަރު ޓެކްސް ނޫން އެހެން އާމްދަނީތަކުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ދައުލަތަށް އެކި ގޮތް ގޮތުން ޖުމްލަ 32.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލބިފައިވެ އެވެ.