ބޭންކް އޮފް މޯލްޑިވްސް އާއި އޭޝިއަން އިންސްޓިއުޓް އޮފް ޗާޓަޑް ބޭންކާސް (އޭއައިސީބީ)އާ ގުޅިގެން ރާއްޖޭގެ ބޭންކިން ޕްރޮފެޝަން އިތުރަށް ތަރައްގީކޮށް ކުރިއަރުވަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބީއެމްއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ.

އޭއައިސީބީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެކްޒެކްޓިވް އެޑްވާޑް ލިންގް އެވެ. މި އެއްބަސްވުމުގެ ދަށުން ޗާޓަޑް ބޭންކިންގެ ދާއިރާއިން ދިވެހިން ތަމްރީނު ކުރުމުގެ ފުރުސަތުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ އޮފިޝަލަކު ބުނީ މި އެއްބަސްވުމާއެކު އޭއައިސީބީއާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ފެށޭނެ ކަމަށެވެ. އެގޮތުން ޗާޓަޑް ބޭންކިންގެ ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޕްރޮގްރާމްތައް މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހިންގާނެ ކަމަށް ބުންޏެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން މި ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ކުރިއެރުވުމަކީ ބެންކުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ. 

ބޭންކިން ދާއިރާގެ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ ފަރާތެއްގެ ގޮތުން ބީއެމްއެލް އެކަޑަމީން އަންނަނީ މި ދާއިރާއިން މީހުން ބިނާކުރުމުގެ ގޮތުން އެކި ޕްރޮފެޝަނަލް ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން އިންޓާންޝިޕްގެ ފުރުސަތު ވެސް ދެމުންނެވެ.