ރާއްޖޭގެ ތަރައްގީގެ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށާއި، ދިގު މުއްދަތުގެ ތަރައްގީގެ ލަނޑުދަނޑިތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްއާ ދެމެދު ކަންޓްރީ ޕާޓްނާޝިޕް އޮނިގަނޑެއްގައި މިއަދު ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށެވެ.

އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ސޮއިކުރި މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ގައުމީ ތަރައްގީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެކެވެ.

މީގެ މައިގަނޑު މަގްސަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްގީ ފުޅާކޮށް، ސަރަހައްދީ ތަރައްގީގެ ހަމަހަމަކަން ގާއިމުކުރުމާއި ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިއީ އޯޕެކް ފަންޑާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދިޔަ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޒަމީރު ސިފަކުރެއްވި އެވެ.

"މި އާ ކަންޓްރީ ޕާޓްނަޝިޕް ފްރޭމްވޯކުން ހާމަވެގެންދަނީ މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ، ދެމެހެއްޓެނިވި އުމްރާނީ ވަސީލަތްތަކެއް ގާއިމުކުރުމަށާއި، ރާއްޖޭގެ މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްގީ ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ވެސް މީގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަން ޒަމީރު ފާހަގަކުރެއްވި އެވެ.

މިގޮތުން، އޭނާ ވިދާޅުވި ގޮތުގައި، މިއީ ދަތުރުފަތުރާއި، ހިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށްރަށުގެ ފެންވަރުގައި އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.

ޒަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ އުމްރާނީ ތަރައްގީއަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށާއި ރަށު ފެންވަރުގެ އިގްތިސާދުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.

"ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި ބޭރުގެ އެކި ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެހެންކަމުން ބަނދަރުތަކާއި، ދަތުރުފަތުރުގެ ނިޒާމާއި، ފެނާއި ނަރުދަމާގެ އިތުރުން އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު މަޝްރޫއުތަކަށް ބޭނުންވާ ދިގު މުއްދަތުގެ ލުއި ލޯނު ހޯދުމަށް މިފަދަ ގުޅުންތަކަކީ ކޮންމެހެން ބޭނުންތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

އަދި 1977 ވަނަ އަހަރުން ފެށިގެން އެކި ދާއިރާތަކުން އޯޕެކް ފަންޑުން ފޯރުކޮށްދެމުންދާ އެހީތެރިކަން ޒަމީރު ފާހަގަކުރެއްވި އެވެ. 

ޒަމީރުގެ މި ދަތުރުގެ ތެރެއިން ބޭއްވުނު ބައްދަލުވުންތަކުގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާއި، މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.

އޯޕެކް ފަންޑުން ވަނީ އެ ފަންޑުގެ ސިޑްސް އިނީޝިއޭޓިވް އަދި ގްރީން-ބްލޫ ކަނެކްޓް ޕްރޮގްރާމްގެ ދަށުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ދީފަ އެވެ.

މިއަދު ސޮއިކުރެވުނު އާ އޮނިގަނޑުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޯޕެކް ފަންޑާއެކު ކުރެވޭ މަސައްކަތްތަކަށް މަގުދައްކައިދީ، ގޮންޖެހުންތަކާ ކުރިމަތިލެވޭ ފަދަ ހަރުދަނާ، ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށް މުހިންމު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.