މިދިޔަ ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓު ހުރީ 0.4 ޕަސެންޓުގައި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން ބުނީ، އެއީ އޭގެ ކުރީ މަހާ އަޅާބަލާއިރު އެއް ޕަސެންޓުގެ ދަށްވުމެއް ކަމަށެވެ. ނޮވެމްބަރު މަހު އިންފްލޭޝަން ހުރީ 1.4 ޕަސެންޓުގަ އެވެ. 

އިންފްލޭޝަން ދަށަށް ދިޔައީ ތަރުކާރީގެ ބާވަތްތަކާއި ވެހިކަލާއި މުއާސަލާތީ ހިދުމަތްތަކުގެ އަގުތައް ދަށަށް ދިއުމުންނެވެ.

ޑިސެމްބަރު މަހަކީ މިދިޔަ އަހަރު އިންފްލޭޝަން އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ. 

މިދިޔަ އަހަރު އެންމެ ބޮޑަށް ތަކެތީގެ އަގުތައް އުފުލުނީ އޭޕްރީލް މަހު އެވެ. އެ މަހު ތަކެތީގެ އަގުތައް ހުރީ 5.9 ޕަސެންޓް މަތީގަ އެވެ. އެހެންވެ، އެ މަހާ އަޅާބަލާ އިރު ޑިސެމްބަރު މަހު ތަކެތީގެ އަގުތައް ވަނީ 5.5 ޕަސެންޓް ދަށްވެފަ އެވެ. 

ޖުމްލަ އިންފްލޭޝަން އެހާ ބޮޑަށް ދަށްވި އިރު ކާބޯތަކެތީގެ އަގުތައް އުފުލުނު މިންވަރު ވެސް އެ މަހު ހުރީ 3.8 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރު ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ ޖެނުއަރީ މަހު އެވެ. އެ މަހު ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 7.6 ޕަސެންޓުގަ އެވެ.