ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކޮށްގެން ޕެންޝަން ފަންޑަށް ގެއްލުމެއް ނުވާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން އާންމުކުރި ބަޔާނުގައި ބުނީ ފިނޭންސުން ހުށަހެޅި ޕްރޮޕޯސަލަކީ ދިވެހި ރުފިޔާ އާއި ޑޮލަރުން ރިޓާން ނުވަތަ ފައިދާ ލިބޭ އިންވެސްޓްމެންޓެއް ކަމަށެވެ. އަދި އެ ބޮންޑަށް އިންވެސްޓްކުރަނީ މިހާތަނަށް އެ އިދާރާއިން އިންވެސްޓްކޮށްފައިވާ ބޮންޑް ސެކިއުރިޓީ މާކެޓުގައި ވިއްކާލުމަށް ފަހު ލިބުނު ފައިސާއިން ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

މި މުއާމަލާތް ހިންގަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެވެ. އޭރު އެ ނިންމުމާ ގުޅިގެން ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވި އެވެ. އަދު އެ ބޯޑުގެ ޗެއާޕާސަން އަހުމަދު އިނާޒް ވަނީ މި މުއާމަލާތާ ގުޅިގެން  މިހަފްތާތެރޭގައި އިސްތިއުފާ ދެއްވައިފަ އެވެ. 

އެ ދެބޭފުޅުން ވެސް ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ މުއާމަލާތެއް ކަމަށެވެ. 

ޕެންޝަން އޮފީހުގެ މިއަދުގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގައި އިންވެސްޓްކުރަނީ މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ދުރު ރާސްތާ އިންވެސްޓްމެންޓް ސްޓްރެޖެޓީ ހެދުމުގައި އުޅޭ ކޮންސަލްޓެންޓުންގެ ލަފާއާ އެކު ކަމަށެވެ. އެ ބޮންޑުގެ ސަބަބުން، ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި އިންވެސްޓްމަންޓެއްގެ ތެރެއިން ބޭރު ފައިސާގެ ރިޒާވެއް ޕެންޝަން ފަންޑުގައި އުފެއްދޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޕެންޝަން އޮފީހުން ބުނީ، އެ މުއާމަލާތް ހިންގާފައިވަނީ ޕެންޝަން ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށެވެ.

މި މުއާމަލާތް ހިންގާ ގޮތަށް ބަލާ އިރު، ޕެންޝަން ފަންޑުގައި ސަރުކާރުގެ ބޮންޑުގެ ގޮތުގައި ހުރި 2.4 ބިލިއަން ރުފިޔާ އެމްއެމްއޭއަށް ވިއްކާލަނީ އެވެ. އެ ލިބޭ ފައިސާއިން އަނެއްކާވެސް ޕެންޝަން އޮފީހުން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ގަންނަނީ އެވެ.

އެކަން އެގޮތަށް ކުރުމުން ސަރުކާރުގެ ޑޮމެސްޓިކް ދަރަނި އަނެއްކާ ވެސް 2.5 ބިލިއަން ރުފިޔާ އިތުރުވާނެ އެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެ، އިގްތިސާދީ ގޮތުން އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ މުއާމަލާތެއް ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ އެހެންވެ އެވެ.