މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 100 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީން ބުނީ ހަތަރު ވަނަ ކުއާޓާގައި ބޭންކުގެ އެސެޓް 1.6 ބިލިއަން ރުފިޔާއަށް އިތުރުވެ، ޖުމްލަ އެސެޓް ވެލިއު 16.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި ސާފު ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެމްއައިބީގެ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބުނީ 126 މިލިއަން ރުފިޔާ އެވެ. އަދި އެ ކުއާޓާގައި ޑިޕޮސިޓަށް ޖުމްލަ 12.11 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް ފަހު ކުއާޓަރުގައި އެ އަދަދު ވަނީ 13.64 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ ތިން ވަނަ ކުއާޓާ އާއި އަޅާ ބަލާއިރު 1.53 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްއައިބީން ބުނީ ފަހު ކުއާޓާގައި އެ ބޭންކަށް ކަސްޓަމަރުން ފައިސާ ޑިޕޮސިޓްކުރާ މިންވަރު އިތުރުވުމަކީ ބޭންކަށް ކުރާ އިތުބާރު އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ތިންވަނަ ކުއާޓާ އާއި ދެވަނަ ކުއާޓާރާ ދެމެދު ވެސް އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ކުރިއެރުމެއް ލިބިފައިވެ އެވެ. އެ ބޭންކުން ބުނީ އެ ބޭންކުން މަސައްކަތް ކުރަނީ ކަސްޓަމަރުންގެ އިތުބާރު ލިބޭނެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދޭން ކަމަށެވެ.

އެމްއައިބީން މިދިޔަ ކުއާޓާގައި މުޖުތަމައުއަށް ފައިދާކުރަނިވި އެކި މަސައްކަތްތައް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ބ. އަތޮޅުގައި ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓެއް ހިންގުމަށް ސޮނެވާ ނަމޫނާއާ އެކު އެއްބަސްވުމެއް ހަދައި މަސައްކަތްތައް ވަނީ ފަށައިފަ އެވެ. 

އެމްއައިބީ އަކީ އޮންލައިންކޮށް އެކައުންޓް ހުޅުވުމުގެ ހިދުމަތާއެކު އިތުރު ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދޭ ބޭންކެކެވެ.