އެމްޓީސީސީން ބޮޑުކަންނެލި ޔޫނިއަންއާ އެކު ޕާޓްނާޝިޕެއް ގާއިމްކޮށް، އެ ޔޫނިއަންގެ މެމްބަރުންނަށް  ހާއްސަ ޑިސްކައުންޓުތަކެއް ލިބޭ އޮފާއެއް ތައާރަފްކޮށްފި އެވެ.  

ހުޅުމާލޭގައި މިއަދު ހަވީރު ފެށި މެރިން އެކްސްޕޯގައި އެމްޓީސީސީން ބޮޑު ކަންނެލި ޔޫނިއަންއާ އެކު ގާއިމްކުރި ޕާޓްނާޝިޕްގެ ދަށުން ތއާރަފްކުރި އޮފާގައި ޔަންމާ ސްޕެއާ ޕާޓްސްއިން 10 ޕަސެންޓުގެ ޑިސްކައުންޓު އަދި ކާސްޓްރަލްގެ ޕްރޮޑަކްޓުތަކުން 8 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

މި ޕްރޮޑަކްޓްތަކަށް ޑިސްކައުންޓު ލިބޭނީ، ޕްރޮޑަކްޓު ގަންނަ އިރު، ބޮޑު ކަންނެލި ޔޫނިއަންގެ މެމްބަޝިޕް ކާޑު ދައްކައިގެންނެވެ. 

އެމްޓީސީސީގެ ޑިޕާޓްމަންޓް މެނޭޖަރު ކަސްޓަމާ ރިލޭޝަންސް އައިޝަތު ފައިހާ އަބްދުﷲ، ވިދާޅުވީ މިއީ ޖަމިއްޔަކާ ގުޅިގެން މިފަދަ ޑިސްކައުންޓެއް ތައާރަފްކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން މަސްވެރިންނަށް މުހިންމު ޕްރޮޑަކްޓުތަކެއް ހެޔޮ އަގުގައި ލިބޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ އެކި ޖައްމިއްޔާތަކާ އެކު މަސްވެރިންނަށް ލުއިފަސޭހަ އިންތިޒާމް ހަމަޖައްސައިދިނުމަށް އެކުންފުނިން ފުރުސަތު ދޭނެ އެވެ. އަދި އެ ކުންފުންޏާ އެކު ކުރިއަށްދާން ބޭނުން ޖައްމިއްޔާތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. 

މިއަދު ފެށި މެރިން އެކްސްޕޯގައި، އެމްޓީސީސީގެ ސްޓޯލްގައި އެ ކުންފުނިން ދޭ އެކި ހިދުމަތްތަކުގެ މައުލޫމާތާއި އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކާ އެކި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ވެސް ލިބޭނެ އެވެ. އަދި މި އެކްސްޕޯގެ ތެރޭގައި އެ ކުންފުނިން ދެ ޕްރޮޑަކްޓެއް އަލަށް ތައާރަފްކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މެރިން ދާއިރާގެ ގިނަ ފަރާތްތަކަކުން ބައިވެރިވާ މެރިން އެކްސްޕޯ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާނެ އެވެ. މި އެކްސްޕޯ އޮންނާނީ ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.