ހުޅުމާލޭގައި މިހާރު ކުރިއަށްދާ، މެރިން އެކްސްޕޯގައި އެމްޓީސީސީ ކަށަވަރުގެ "ސާބަސް ޔަންމާ ޕްރޮމޯޝަން" ލޯންޗުކޮށްފި އެވެ.
އެ އެކްސްޕޯގައި މި ޕްރޮމޯޝަން ރޭ ލޯންޗުކޮށްދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާ "ސާބަސް ޔަންމާ ޕްރޮމޯޝަން"ގައި ޔަންމާ އިންޖީނުތަކަށް 8 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. މި ޑިސްކައުންޓު ލިބޭނީ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޖީނަށް އެއް ޕަސެންޓުގެ ބުކިން ފީ ދައްކާ، އިންޖީނަށް އޯޑަރު ޔަގީންކުރާ ކަސްޓަމަރުންނަށެވެ.
މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރުގެ ގޮތުގައި ބައިވެރިވި އެމްޓީސީސީން ވަނީ މި އެކްސްޕޯގައި އެކި ޕްރޮމޯޝަންތައް ލޯންޗުކޮށް އާ ޕްރޮޑަކްޓުތައް ވެސް ތައާރަފްކޮށްފަ އެވެ. އެގޮތުން އެ ކުންފުނިން ވަނީ މަލްޓި ފްލެކްސް ސްޓިއަރިން ސިސްޓަމް ވެސް މި އެކްސްޕޯގެ ތެރެއިން ތައާރަފްކޮށްފަ އެވެ.
އެމްޓީސީސީން މެރިން އެކްސްޕޯއަށް ހާއްސަކޮށް، އެމްޓީސީސީ ކަށަވަރު ޕޭޖު މެދުވެރިކޮށް ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ. މި ލަކީޑްރޯގެ ނަސީބުވެރިޔާ މިރޭ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލަކީޑްރޯއަށް އެމްޓީސީސީން ވަނީ 10،000ރ. ގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ.
މެރިން އެކްސްޕޯގައި ހުރި ސްޓޯލުން އެމްޓީސީސީގެ މެރިން ދާއިރާއިން ދޭ އެކި ހިދުމަތްތަކުގެ މައުލޫމާތާއި އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކާ އެކި ޕްރޮޑަކްޓުތަކުގެ މައުލޫމާތު ލިބޭނެ އެވެ. މެރިން އެކްސްޕޯ ކުރިއަށް ދާނީ މިރޭ 10 ޖަހަންދެނެވެ.