ހޮންކޮންގުގެ ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ފަށައިފި އެވެ.

އެމްއޭސީއެލް އިން ބުނީ ހޮންކޮންގުގެ ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ޗާޓަރުދަތުރުތައް ފަށައި، އެ އެއާލައިނުގެ ފުރަތަމަ މަތިންދާބޯޓް، އެޗްބީ 2500 މިއަދު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. ގްރޭޓާބޭ އެއާލައިނަށް މަރުހަބާ ކިއުމުގެ ގޮތުން އެ މަތިންދާބޯޓަށް ވީއައިއޭ އިން ވޯޓާ ސެލިއުޓެއްކޮށް، އެ  ފްލައިޓުން ރާއްޖެއަށް އައި 174 ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ވެސް ކިޔެވެ.

އެމްއޭސީއެލް އިން  ބުނި ގޮތުގައި ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް ފެށި ޗާޓަރު ދަތުރުތަކުގައި ސީދާ ހޮންކޮންގުން މާލެއަށް ކޮންމެ ދުވަހަކު އެއް ދަތުރުކުރާނެ އެވެ. އެ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގް 737 މެކްސް މަރުކާގެ މަތިންދާބޯޓެކެވެ.

ހޮންކޮންގްގެ ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް އައި ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަނީ. ފޮޓޯ:އެމްއޭސީއެލް
ހޮންކޮންގްގެ ގްރޭޓާ ބޭ އެއާލައިނުން ރާއްޖެއަށް އައި ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުންނަނީ. ފޮޓޯ:އެމްއޭސީއެލް

ގްރޭޓާ ބޭ އެއާލައިނަކީ ހޮންކޮންގުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށި ދެވަނަ އެއާލައިނެވެ. 

ޗައިނާގެ ހޮންކޮންގުން ރާއްޖެއަށް ކުރާ ސިދާ ދަތުރުތައް އިތުރުކޮށްފައި ވާއިރު މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. މިމަހުގެ ފުރަތަމަ ހަފުތާގައި އެގައުމުން ރާއްޖެއަށް 35،123 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.