މިއާންޒް ކޮލެޖުން މި އަހަރުގެ މާޗު މަހުގެ އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ކޮލެޖުން އެ އިންޓޭކަށް ހުޅުވައިލީ 22 އެކަޑެމިކް ޕްރޮގްރާމާ އެކު އެވެ.
އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލް 3، ސެޓްފިކެޓް ލެވެލް 4، އަންޑަގްރެޖުއޭޓް ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ) އަދި މާސްޓާސް ފެންވަރުގެ ކޯހަކާ އެކު ތަފާތު ދާއިރާތަކުގެ ކޯސްތައް ހިމެނެ އެވެ.
މިއާންޒް ކޮލެޖުން މާޗް މަހުގެ އިންޓޭކަށް ހުޅުވާލީ މިއަދު އެކޮލެޖުގައި "ގައުމަށްޓަކައި" ޕްރޮގްރާމުގެ ދަށުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެއީ ތަރައްގީއަށާއި އިޖުތިމާއީ ޒިންމާ އަދާކުރުމަށް އަމާޒުކޮށްގެން މިއާންޒް ކޮލެޖުން ފަށާފައިވާ ހާއްސަ އިސްނެގުމެކެވެ.
" ގައުމަށްޓަކައި" ޕްރޮގުރާމުގެ ދަށުން ބޭއްވި އެ ހަފްލާގައި، ތިމާވެށި ރައްކާތެރިކުރުމަށާއި މުޖުތަމައުއާ އޮންނަ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުން، ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރަށް އެ ކޮލެޖުގެ ފަރާތުން ގަހެއް ހަދިޔާކުރި އެވެ.
މިއާންޒް ކޮލެޖުގެ "ގައުމަށްޓަކައި" ޕްރޮގްރާމްގެ ދަށުން، މުޖުތަމައަށް ފައިދާކުރަނިވި މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި 10،000 ގަސް ހަދިޔާކުރުމާއި އާމްދަނީ ހޯދުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 1،000 ގަސް ފޯރުކޮށްދިނުމާއި އަލަށް ފަށާ 100 ވިޔަފާރިއަކަށް އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ވަޒީފާގެ ބާޒާރަށް ގާބިލު 1،500 ދަސްވެނިން ތަމްރީނުކުރުމާއި ދަނޑުވެރިކަމުގެ ދާއިރާގެ 20 ވިޔަފާރިވެރިއަކަށް 'ސީޑް ފަންޑިން' ނުވަތަ ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ، އަމިއްލަ މަސައްކަތްތެރިކަން ކުރިއަރުވައި، މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ގާބިލު ޖީލެއް ބިނާކުރުން ކަމަށް އެ ކޮލެޖުން ބުންޏެވެ.
"ގައުމަށްޓަކައި" ޕްރޮގްރާމުގެ ދަށުން މިއާންޒް ކޮލެޖުން މީގެ ކުރިން ވަނީ ސްކޮލަޝިޕްތަކެއް ތައާރަފުކޮށްފަ އެވެ. މިއީ ރަށްރަށުގެ ފެންވަރުގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކޮލެޖުން ސިފަކުރެ އެވެ.
އަދި "މިއަންޒް ސްކޫލް އޮފް އެގްރިކަލްޗާ" އިން ދަނޑުވެރިކަމުގެ ދާއިރާއިން ދަސްވެނިވާ ދަރިވަރުންނަށް ވިޔަފާރި ފެށުމުގެ އެހީގެ އިތުރުން، ދަނޑުވެރިކަމުގެ އައު ތަޖުރިބާތައް ހޯދުމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ފުރުސަތު ވެސް ވަނީ މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދީފަ އެވެ. މިއީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ދަނޑުވެރިކަމުގެ ދާއިރާގެ އީޖާދުތަކަށް ކޮލެޖުގެ އެއްބާރުލުން ހާމަވާ ކަމެއް ކަމަށް އެ ކޮލެޖުން ބުންޏެވެ.
މިއަންޒް ކޮލެޖުން އަލުން ކަށަވަރު ކޮށްދެނީ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމާއެކު، އިޖުތިމާއީ ޒިންމާ އަދާކުރުމަށް އެ ކޮލެޖުން ދޭ އިސްކަމެވެ.