މަރުކަޒީ ބޭންކު، އެމްއެމްއޭގެ އެތެރޭގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އެޑްވައިޒަރުންގެ ދައުރު އުވާލަން އެ އޮތޯރިޓީގެ ބޯޑުން ނިންމައިފި އެވެ.
އެއާ އެކު، އެޑްވައިޒަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ނޯޓިސް ދީފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެ ނިންމުމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ވާހަކަ ނުދެއްކި ނަމަވެސް އެނގިފައިވާ ގޮތުގައި، އެމްއެމްއޭގައި މިހާރު ތިއްބެވި ތިން އެޑްވައިޒަރުންގެ މުސާރަ އާއި އިނާޔަތްތަކަށް އަހަރަކު 2.4 މިލިއަން ރުފިޔާ ހަރަދުވެ އެވެ.
އެ މަގާމުތަކުގައި ތިއްބެވި އެޑްވައިޒަރުންނަށް ދެ އިހުތިޔާރެއް ދިން ކަމަށް ވެ އެވެ.
ފުތަރަމަ އޮޕްޝަނަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގެ ދަށުން ތިން މަސް ދުވަހަށް ވަޒީފާގައި ދެމިހުރުމާ އެކު، އިތުރު ތިން މަސް ދުވަހުގެ މުސާރާ އާއި އިނާޔާތް ލިބޭ ގޮތަށް ވަޒީފާ އުވިގެން ދިއުމެވެ.
ދެވަނަ އޮޕްޝަނަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސް މުއްދަތުގެ ބަދަލުގައި ހަ މަސް ދުވަހުގެ ފައިސާ އާއި އިނާޔާތްތައް ލިބޭ ގޮތަށް މަގާމު އުވާލުމެވެ.
އެ ދެ އޮޕްޝަނުން އެޑްވައިޒަރުން ބޭނުންވާ އޮޕްޝަނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު އެމްއެމްއޭ އިން ވަނީ ދީފަ އެވެ.
މިކަމުގެ މައުލޫމާތު އެނގޭ އޮފިޝަލް ވިދާޅުވީ މި ނިންމުން އެ އިދާރާ އިން ނިންމީ ގަވަރުނަރު އަހުމަދު މުނައްވަރަށް ދޭންޖެހޭ ލަފާ އެ ބޭފުޅުންނަށް ނުދެއްވޭތީ އެވެ.
"އެހެންވެ، އެއީ މި ވަގުތަށް އެމްއެމްއޭ އާއި ގަވަރުނަރަށް މުހިންމު މަގާމުތަކަކަށް ނުވާތީ އެ ބަދަލު ގެނައީ،" އޭނާ ވިދާޅުވި އެވެ.