ރާއްޖޭގައި ޑޮލަރުގެ ތާށިކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި، ދިވެހި ފައިސާގެ ޑިމާންޑް މަތިކުރުމަށް މުސާރަތައް ވެސް ރުފިޔާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށާއި 2030 ވަނަ އަހަރުގެ ނިޔަލަށް ބަދަލުތައް ގެންނަންޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ދެއްވި ޖަވާބުގައި މުނައްވަރު ވިދާޅުވީ ރާއްޖޭގައި ކުރާ މާލީ ހުރިހާ މުއާމަލާތްތަކެއް ދިވެހި ފައިސާ އިން ކުރާ ގޮތަށް ބަދަލުކުރުމަކީ އެމްއެމްއޭގެ އަމާޒެއް ކަމަށެވެ. 

ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޑޮލަރުން އާމްދަނީ ލިބޭ ގިނަ ބަޔަކު ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. 

ނަމަވެސް، މިފަދަ ބަދަލުތައް އެއްފަހަރާ ގެނައުމަކީ އެމްއެމްއޭގެ ވިސްނުމެއް ނޫން ކަމަށާއި މަޑުމަޑުން އެ ބަދަލުތައް ގެންނާނެއިރު، ރާއްޖޭގައި ކުރާ މާލީ ހުރިހާ މުއާމަލާތްތަކެއް ދިވެހި ފައިސާއިން ކުރާ ގޮތަށް 2030 ވަނަ އަހަރުގެ ނިޔަލަށް ބަދަލުތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ ވިޝަންއަކީ ދިވެހި ރުފިޔާއަށް ހުރިހާ އެއްޗެއް ބަދަލުވެގެންދިއުން. އެ ބަދަލުވެގެންދާއިރު، ދެން ހުރި ކަންތައްތައް ކިހިނެއްތޯ ވާނީ؟ މިސާލަކަށް ޓޫރިޒަމްގެ ދާއިރާއިން އެބަ ޕޭކުރޭ ސަރުކާރަށް ކުލީގެ ގޮތުގައި ވެސް ބޭރު ފައިސާ. އެހެންވީމަ، އެވެސް ބަދަލުވެގެން ދާން ޖެހޭނެ އިނގޭތޯ،" މުނައްވަރު ވިދާޅުވި އެވެ. 

"ހަމަ އެގޮތަށް މުސާރަތައް، މިހާރު މިސާލަކަށް ބަލަންޏާ ޓީއެމްއޭ ކަމުގައި ވިޔަސް، ހަމައެގޮތަށް ރިސޯޓެއް ކަމުގައި ބެލިޔަސް، ޑޮލަރުން އިނގޭތޯ. އެހެންވީމަ ޑޮލަރުން މުސާރަ ދިނުމުގެ ކަންތައްތަކަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ. އޭރުން ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުވެގެން ދާނީ."

މުނައްވަރު ވިދާޅުވީ މެކްރޯ ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށާއި ދައުލަތުގެ ބަޖެޓުގެ ސިޔާސަތަށް ވެސް ސްޓެބިލައިޒޭޝަނަށް އަންނަން ޖެހޭނެ ކަމަށެވެ. އެމްއެމްއޭގެ މިހާރުގެ އަމާޒަކީ ރާއްޖޭގައި އޮންނަން ޖެހޭނީ މޭނޭޖްޑް ފްލޯޓެއް (ޕްލޯޓިން އެކްސްޗޭންޖް ރޭޓެއް) ކަމަށް ވިޔަސް، މޭނޭޖްޑް ފްލޯޓަކަށް ދާއިރު ވެސް އެމްއެމްއޭގައި ރަނގަޅު ރިޒާވެއް ހުންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާކަން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު އިއުލާންކުރެއްވި އެވެ. 

މުނައްވަރު ވިދާޅުވީ ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ އިތުރުން ދެން ހުންނަ ފައިސާ ހޭދަކުރަނީ ކޮންކަމަކަށްތޯ ބެލޭނެ ގޮތް ހެދުމަށް ނުވަތަ މޮނިޓާރިން ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް ގާނޫނަށް އިސްލާހުތަކެއް ގެންނާނެ ކަމަށެވެ.