އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
އޮއިވަރު މެންޓަލް ހެލްތު ރިސާޗް ކޮންފަރެންސް ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގަ އެވެ.
އެ ކޮންފަރެންސްގެ މަގްސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އަދި އެ ދާއިރާގެ އެކި ފަރާތްތަކާ އެކު ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި، މަޝްވަރާތައްކޮށް އެ ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމެވެ.
ބީއެމްއެލްއިން ބުނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޭންކް އޮފް މޯލްޑިވްސް އިން މުހިންމު އަހުމިއްޔަތުކަމެއްދީ ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެއްބާރުލުންދީ، މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކުރިއަރުވަން އިސްކަން ދޭ ކަމަށެވެ.