ދިވެހިންގެ މެދުގައި މަގުބޫލު ލެކްނޯގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަމުންދާތާ 25 އަހަރު ފުރުން ފާހަގަކޮށްފި އެވެ. 

އެކަން ފާހަގަކުރީ އެ ބްރޭންޑު ރާއްޖޭގެ އެތެރެކޮށް، ވިއްކާ އެމްޔޫ ސްޓޯރުންނެވެ. އެމްޔޫ ސްޓޯރުން ލެކްނޯ ރާއްޖެއަށް ތައާރަފް ކުރިތާ 25 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބްރޭންޑުގެ އުފެއްދުންތައް އެންމެ ގިނައިން ގަންނަ ޓޮޕް ކަސްޓަމަރުންނާއި ޕާޓްނަރުންގެ އިތުރުން އެ ކުންފުނީގެ ފާހަގަކޮށްލެވޭ ހާއްސަ ކަސްޓަމަރުން ބައިވެރިވި އެވެ. 

އެމްޔޫ ސްޓޯރުގެ އިސްވެރިންނާއެކު ބޭއްވި އެ ރަސްމިއްޔާތުގައި ލެކްނޯގެ ދުބާއީ އިސްވެރިން ވެސް ބައިވެރިވި އެވެ. އެ ރަސްމިއްޔާތުގައި ލެކްނޯ ބްރޭންޑް ތަރައްގީވެ ފުޅާވެގެން އައި ގޮތާއި ދުނިޔޭގެ މާކެޓުގެ މަގުބޫލުކަން އިތުރުވެ، އެކި ގައުމުތަކަށް މާކެޓްފުޅާވެގެން ދިޔަ ގޮތާއި ރާއްޖެއަށް އެ ބްރޭންޑް ތައާރަފްވެގެން ދިޔަ ގޮތުގެ މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ. 

އެ ރަސްމިއްޔާތުގައި އެ ބްރޭންޑަކީ ރާއްޖޭގައި މަގުބޫލު ބްރޭންޑަކަށް ހެދުމުގެ މަސައްކަތުގައި ބައިވެރިވި ކަސްޓަމަރުން ފާހަގަކޮށް އެ ފަރާތްތަކަށް ހާއްސަ ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. 

އެމްޔޫ ސްޓޯރުން ބުނީ އެ ރަސްމިއްޔާތަކީ އެ ކުންފުނީގެ ޕާޓްނަރުންނާއި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، މިފަދަ ކާމިޔާބީއެއްގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފްލާއެއް ކަމަށެވެ. އަދި އެ ކުންފުނިން ލެކްނޯއާ އެކު އޮތް ޕާޓްނާޝިޕް ފުޅާކޮށް، އެ ބްރޭންޑުގެ ޑިސްޓްރިބިއުޝަން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. 

އެމްޔޫ ސްޓޯރުން ބުނީ އެ ކުންފުނިން ކަސްޓަމަރުންނާއި ގުޅިގެން ރާއްޖެއަށް މިފަދަ އެކި ބްރޭންޑުތައް ތައާރަފްކޮށް، ރާއްޖެއަށް ކޮލިޓީ އުފެއްދުންތައް ގެނެސްދިނުމުގެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ. 

އެމްޔޫ ސްޓޯރަކީ ދިވެހިންގެ މެދުގައި މަގުބޫލު ގިނަ ބްރޭންޑްތަކެއްގެ އުފެއްދުންތައް ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ކުންފުންޏެކެވެ. އެ ކުންފުނީގެ ފިހާރަތައް މާލެ އާއި ހުޅުމާލޭގައި ހުރެ އެވެ.