މިދިޔަ އަހަރު ބީއެމްއެލްއަށް އާ 30،000 ކަސްޓަމަރުން ގުޅިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެ ބޭންކްގައި ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 37.2 ބިލިއަން ރުފިޔާއަށް އަށް އަރައިފަ އެވެ. 

މިދިޔަ އަހަރު ބީއެމްއެލްގެ ޑިޕޮސިޓް ވަނީ 16 ޕަސެންޓް އިތުރުވެފަ އެވެ. ބީއެމްއެލްގެ 2024 ވަނަ އަހަރުގެ ޑިޕޮސިޓް ހުރީ 32 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، އެއީ ފަސް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޑިޕޮސިޓްގެ އިތުރުން ލޯނުގެ ގޮތުގައި ދޫކުރި އަދަދު ވެސް ވަނީ 25 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ބޭންކުން ކަސްޓަމަރުންނަށް 25 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު އެ އަދަދު ހުރީ 20 ބިލިއަން ރުފިޔާގަ އެވެ. 

މިދިޔަ އަހަރު ބޭންކްގެ ޖުމްލަ އެސެޓް ވެސް ވަނީ 15 ޕަސެންޓަށް އިތުރުވެފަ އެވެ. އެއީ 48 ބިލިއަން ރުފިޔާ އިން 56 ބިލިއަން ރުފިޔާއަށެވެ.

ބީއެމްއެލް އިން ބުނީ އެ ކުރިއެރުން ލިބުނީ ބޭންކްގެ ހިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާ ކުރުމަށް މިދިޔަ އަހަރު ކުރި މަސައްކަތުން ކަމަށެވެ. އަދި ބޭންކްގެ ގިނަ ބްރާންޗްތަކާއި އޭޓީއެމްތައް ހުރިހާ ރަށެއްގައި ބެހެއްޓުމުން ކުރިއަށް ވުރެ ފަސޭހައިން އެ ބޭންކްގެ ހިދުމަތްތައް މިހާރު ލިބެ އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ސިފަ ކުރަނީ އެ ކުންފުންޏަށް އެންމެ ކާމިޔާބު އެއް އަހަރުގެ ގޮތުގަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ކުރިއެރުން ލިބިފައިވަނީ އާ ހިދުމަތްތަކާއި ކަސްޓަމަރުންނަށް ކައިރިން ހިދުމަތްތައް ލިބޭނެ ގޮތްތައް ފަހިކޮށްދީގެންނެވެ.

ބީއެމްއެލްއިން ބުނީ ހިދުމަތްތަކުގެ ފެންވަރު އެއް އަހަރުން އަނެއް އަހަރު ރަނގަޅު ކުރުމަށްޓަކައި ބޭންކުގެ ޑިޖިޓަލް ހިދުމަތްތައް ވެސް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށެވެ.