ބީއެމްއެލްގެ ހިއްސާދާރުންނަށް ބޯނަސް ޝެއާ ދޫކުރަން ނިންމައި، އަދި އެ ބޭންކަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް 323 މިލިއަން ރުފިޔާ ބެހުމަށް އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ބީއެމްއެލްއަށް ލިބުނު މާލީ ކުރިއެރުމާއެކު ހިއްސާއަކަށް 60ރ.ގެ މަގުން ބެހުމަށް ބޯޑުން ވަނީ ނިންމައިފަ އެވެ.
ބީއެމްއެލް އިން ބުނީ މިހާރު ތިބި ހިއްސާދާރުންނަށް، ކޮންމެ ހިއްސާއަކަށް ބޯނަސް ޝެއާގެ ގޮތުގައި އިތުރު ދެ ހިއްސާ ދިނުމަށް ބޯޑުން ނިންމާފައިވާ ކަމަށެވެ. ބޯނަސް ހިއްސާ ދޫކުރުމަށްފަހު، 50ރ. ގެ މޫނު މަތީ ހިއްސާގެ ބުކް ވެލިއުއަކަށް ވާނީ 1015.90ރ. އެވެ. އެހެންވެ، މިއަހަރު ކޮންމެ ހިއްސާއަކަށް ޖުމްލަ 2091.80ރ. ނަގާނެ އެވެ.
ބޯނަސް ޝެއާ ދޫކުރުމަށް ހުށަހަޅާ މައިގަނޑު ސަބަބަކީ ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން އިތުރުކޮށް ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރު ކުރުމާއި ރާއްޖޭގެ ހިއްސާގެ ބާޒާރު އިތުރަށް ފުޅާކުރުމަށް އެހީތެރިވުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލްގައި މިވަގުތު 6،148 ހިއްސާދާރުން އެބަތިއްބެވެ. އޭގެ ތެރޭގައި 5،999 އާންމު ހިއްސާދާރުންނާއި 152 ކައުންސިލް އިދާރާ ހިމެނެ އެވެ. އެ ބޭންކްގެ 51 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގަ އެވެ. އޭގެ އިތުރުން ޕެންޝަން އޮފީހުގެ ހަތް ޕަސެންޓް ހިއްސާ އޮތްއިރު އެމްޓީސީސީގެ ހަތަރު ޕަސެންޓް ހިއްސާ ވެސް އެ ކުންފުނީގައި އެބައޮތެވެ.
ބީއެމްއެލް އިން ބުނީ ހިއްސާގެ ފައިދާ ލިބޭނީ "ބުކް ކްލޯޝާ ޑޭޓް" ނުވަތަ ހިއްސާދާރުންގެ ދަފުތަރު ބަންދުކުރާ ތާރީހާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކަށެވެ.