ރާއްޖޭގެ ގައުމީ ބޭންކު ބީއެމްއެލް އާއި ރާއްޖޭގެ އިގުތިސާދު އޮތީ ގުޅިލާމެހިފައި ކަމަށް ވާތީ އެ ބޭންކުން ހޯދި ރަނގަޅު ނަތީޖާ ދައްކުވައިދެނީ އިގުތިސާދު ރަނގަޅުކަން ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ. 

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް ސްވައިޕް އައްޑޫގައި އިފުތިތާހު ކުރުމަށް ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ބޭންކަށް ލިބޭ ކުރިއެރުން ދިވެހި އިގުތިސާދަށް ވެސް އަންނަ ކަމަށާއި އެހެންވެ ބީއެމްއެލުން ހޯދި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކާ ކަމަށެވެ.

އޭނާ ވިދާޅުވީ، ބީއެމްއެލްއަކީ ގައުމީ ބޭންކެއް ކަމަށާއި އެ ބެންކުގެ އެންމެ މަތީ މަސްލަހަތަކީ ބޭންކު އުފެއްދި މަގްސަދު ހާސިލް ކުރުމާއި ބޭންކުގެ ހިއްސާދާރުންނާއި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަށް އަމަލުކުރުން ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ ކޮންމެ ނިންމުމެއް ނިންމަނީ މި ދެންނެވި ގޮތަށް،" އެމްޑީ ވިދާޅުވި އެވެ.

ޝަރީފް ފާހަގަކުރެއްވި ބައެއް ކާމިޔާބީތައް:

  1. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދީ ނިމިއްޖެ. އެ މަޝްރޫއުން 105 ރަށެއްގެ ރައްޔިތުންނަށް ސީދާ ގޮތުން ފައިދާ ލިބިއްޖެ.
  2. މަސްވެރިން ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ގެނެސް، އެ މީހުންގެ އާމްދަނީ އަށް ބިނާކޮށް އެކިއެކި ބޭނުންތަކަށް ބިއެމްއެލް އިން ވަނީ ލޯނު ދޫކުރަން ފަށާފައި.
  3. އެމްއެމްއޭ އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން އުސޫލުގެ ދަށުން، ރެންޓް ޓު އޯން މޮޑެލްގެ ދަށުން އާއިލާތަކަށް، އެފޯޑަބަލް ހޯމް ހޯދައިދިނުމަށް ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏެއް އުފެއްދުން. ތަޖުރިބާ އާއި ގާބިލުކަން ހުރި ރާއްޖޭގެ ކުންފުނިތަކާއި ބިދޭސީ ކުންފުނިތައް މެދުވެރިކޮށް 3،200 އަށް ވުރެ ގިނަ ފްލެޓްގެ މަސައްކަތް ވަނީ ފަށާފައި.
  4. ބޯހިޔާވަހިކަމުގެ ދާއިރާ އިން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގަން ފެށި ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން ލޯނު ދޫކުރުމާއި ގެއެއް ނުވަތަ ފްލެޓެއް ގަތުމަށް ދޫކުރާ ލޯނުގެ އިކިއުޓީ 20 ޕަސެންޓުން ފަސެންޓަށް ދަށްކުރުން. އަދި ގެދޮރު އިމާރާތް ކުރުމަށް ނުވަތަ މަރާމާތު ކުރުމަށް އިތުރު ރަހުނަކާ ނުލައި ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ފެށި. އަމިއްލަ ގެދޮރު އިމާރާތް ކުރުމަށް އިތުރު ރަހުނު ހުށަހަޅަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމަކީ މި ދާއިރާ އަށް ބެންކުން ކޮށްދީފައިވާ މުހިންމު ކަންކަން ކަމަށް އެމްޑީ ވިދާޅުވި.
  5. މިދިޔަ އަހަރު ބީއެމްއެލްގެ ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުން ކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރާ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް. ހަމައެކަނި މި އަހަރުގެ ޖެނުއަރީ މަހަށް ބަލާއިރު ވެސް ކަސްޓަމަރުން ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ މުއާމަލާތް ކޮށްފައި.
  6. މިދިޔަ އަހަރުގެ ނޮވެންބަރު 11 އިން ފެށިގެން ބީއެމްއެލުން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް، ބޭސްފަރުވާ އާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެ އިން ބޭރުގެ މުއާމާލާތްތައް ކުރުމަށް ކޮންމެ ކަސްޓަމަރަކަށް މަހަކު 3,000 ޑޮލަރާ ހަމައަށް ލިމިޓް ދެމުން. އަދި ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރުގެ ލިމިޓެއް ދީފައިވޭ. ކްރެޑިޓް ކާޑަށް ބަލާއިރު، ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް ކޮންމެ ކަސްޓަމަރަކަށް ދޫކޮށްފައިވާ ލިމިޓްތައް ވެސް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަނީ ބޮޑުކޮށްފައި.
އައްޑޫގައި ސްވައިޕް ލޯންޗު ކުރުމަށް މިރޭ ބޭއްވި ހަފުލާހައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
އައްޑޫގައި ސްވައިޕް ލޯންޗު ކުރުމަށް މިރޭ ބޭއްވި ހަފުލާހައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު

ޝަރީފް ވިދާޅުވި ގޮތުގައި، އެއް ކާޑަށް ވުރެ ގިނަ ކްރެޑިޓް ކާޑު ގެންގުޅޭ މަދު ކަސްޓަމަރަކަށް، ކުރިން ވެސް އެހެން ކަސްޓަމަރުންނަށް ވުރެ ލިމިޓްގެ ފައިދާ މާބޮޑަށް ލިބެމުން ދިޔުމާ ގުޅިގެން، ލިމިޓް މަތިކުރި އަދަދަށް ވުރެ އިތުރު ނުވާނެ އެވެ.

"މިއީ އޮޅުވާލުމެއް ނޫން. މިއީ ހަމަހަމަ އުސޫލެއް ގާއިމުކުރުން. މިގޮތުން އީކޮމާސް އަށް ވެސް އަމިއްލަ ބޭނުންތަކަށް އެކަށީގެންވާ އަދި ދެވެން އޮތް އެންމެ ރަގަޅު ލިމިޓެއް ހަމަހަމަ އުސޫލަކުން ކަނޑައެޅިފައިވާއިރު އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ކާޑުތަކުން ބަލްކްކޮށް މުދާ އޮންލައިންކޮށް ގަނެވޭވަރަށް ލިމިޓް ނެތުމަކީ އެކަށީގެންވާ ކަމެއް،" އެމްޑީ ވިދާޅުވި އެވެ.

އައްޑޫގައި ބީއެމްއެލްގެ ސްވައިޕްގެ ހިދުމަތް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި އެ ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބް (ވ) އަދި ސީއީއޯ ޝަރީފް.---ފޮޓޯ: ނިޝާން އަލީ| މިހާރު
އައްޑޫގައި ބީއެމްއެލްގެ ސްވައިޕްގެ ހިދުމަތް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ އިފުތިތާހު ކޮށްދެއްވާއިރު އަރިހުގައި އެ ބޭންކުގެ ޗެއާމަން އަހުމަދު އަލީ ހަބީބް (ވ) އަދި ސީއީއޯ ޝަރީފް.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިރޭގެ ޖަލްސާގައި އެމްޑީ ޝަރީފު ވިދާޅުވީ، ކާޑު ލިމިޓްތައް ކުޑަކޮށް އޮތުމާއި ޓީޓީ ހެދުމަށް ބޭންކުން ހަމައްސައިދޭ ޑޮލަރު ލިމިޓް ކުޑަވުމަކީ އާންމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވި ކމަަށެވެ.  ސެޕްޓެމްބަރު 2020 އިން ފެށިގެން ބޭންކުން އާންމުންނަށް ދޫކޮށްފައިވާ ޑެބިޓްކާޑުގެ ލިމިޓަކީ 250 ޑޮލަރު ކަމަށާއި ޓީޓީ އަށް ދޫކުރެވެނީ އެންމެ ފަސް ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ޑޮލަރު ޕޮޒިޝަން ވަރަށް ބޮޑަށް ދަށްވުމާއެކު ނިންމާފައިވާ ނިންމުންތަކެއް،" އެމްޑީ ވިދާޅުވި އެވެ.

ނަމަވެސް އެއީ ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި ޓީޓީތަކާއި އެލްސީ ތަކަށް ބޭނުންވާ ޑޮލަރަށް ބަލާއިރު، ދެމިއޮވެވޭނެ ހާލަތެއް ނޫން ކަމަށް ވާތީ ބީއެމްއެލްގެ ބޯޑާއި މެނޭޖްމަންޓުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހައްލުތައް ހޯދުމަށް މުހިންމު މަސައްކަތްތަކެއް ކުރިކަން ޝަރީފް ފާހަގަކުރެއްވި އެވެ. އެކަމަށް ސަރުކާރުންނާއި ފިނޭންސް މިނިސްޓްރީން ވަރަށް ބޮޑު އެހީތެރިކަމެއް ވި ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫގައި ސްވައިޕް ލޯންޗު ކުރުމަށް މިރޭ ބޭއްވި ހަފުލާހައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
އައްޑޫގައި ސްވައިޕް ލޯންޗު ކުރުމަށް މިރޭ ބޭއްވި ހަފުލާހައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު

"އެއާ އެކު ބޭންކުގެ ޑޮލަރު ޕޮޒިޝަން ރަނގަޅުވި. އެ ހިސާބުން ބޭންކުގެ ހާލަތު އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރު ކޮށްދެވޭ ހާލަތަކަށް ބަދަލުވި،" ޝަރީފް ވިދާޅުވި އެވެ.

"އެހެންކަމުން އާއްމު ރައްޔިތުން ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުން ކުރެވޭ އަދަދުތައް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ބޭންކަށް ކުރިން ދިމާވެފައިވާ ފޮރިން އެކްސްޗޭންޖު ޝޯޓް ޕޮޒިޝަން ހަރުދަނާ ސިޔާސަތެއްގެ ދަށުން ރަނގަޅު ކުރުމަށް ސަރުކާރުން އެހީތެރިވެ ދެއްވުމަށް ފަހު ކަން އަޅުގަނޑު ފާހަގަކުރަން. މި ފުރުސަތުގައި އެ މަނިކުފާނަށް ވަރަށް ހާއްސަކޮށް ޝުކުރު ދަންނަވަން." 

ޝަރީފު ވިދާޅުވި ގޮތުގައި، ބީއެމްއެލްގެ ނިންމުންތައް ތަންފީޒުކުރުމުން ސަރުކާރަށް ރީތި ނަން ލިބޭތީވެ، އެކަންތައް ބޭންކުން ނުކުރުމަކީ އޭނާގެ ނަޒަރުގައި "ސިޔާސީވުން" އެވެ. 

އެމްޑީ ވިދާޅުވީ، ކުންފުންޏެއް ހިނގަމުންދާ ގޮތް ބަލާލަން އޮންނަ މިންގަނޑުތަކަކީ އެ ކުންފުންޏަކުން ހޯދާ މާލީ ނަތީޖާތަކާއި ކަސްޓަމަރުން ކުރާ އިތުބާރު ކަމަށެވެ.

"ވޭތުވެދިޔަ އަހަރު ތެރޭ ކުރިން އަޅުގަނޑު މިދެންނެވި އެކި މަޝްރޫއުތަކަށް އެހީފޯރުކޮށްދީ، އަދި ވިއުގަ ފުޅާކުރުމަށާއި ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަށް ފަހު ވެސް ސާފު ފައިދާގެ ގޮތުގައި ޓެކުހަށް ކެޑުމަށް ފަހު 2.5 ބިލިއަން ރުފިޔާ ބެންކަށް ލިބުނު. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ޕަސެންޓު އިތުރު އަދަދެއް،" ތަފާސްހިސާބުގެ އަލީގައި ޝަރީފު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ބީއެމްއެލްގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާ އެކު، އެ ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.