އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓުތަކާއި ނަގާފައިވާ ލޯނުތައް "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން ޝަރުއީ ހަމަތަކާ އެއްގޮތް ހިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ
ބީއެމްއެލް އިން ބުނީ، އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓުތަކާއި ބޭންކަށް އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް މިއަދުން ފެށިގެން ދޫކުރާނީ ވެސް އިސްލާމިކް ބޭންކިންގެ އުސޫލަށް ފައްތައިގެން ކަމަށެވެ.
"ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރު ތެރޭ ބޭންކުން ވަނީ އަތޮޅުތެރޭ ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިން ބްރާންޗްތަކަކަށް ބަދަލުކޮށް އަދި އެ ބްރާންޗްތަކުން މިހާރު ހިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެންނެވެ،" ބީއެމްއެލް އިން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެ ބޭންކުން އިސްލާމިކް ބޭންކިންގެ ހިދުމަތް ދެމުން އަންނަނީ ޝަރީއާއާ އެއްގޮތްވާ ގޮތުގެ މަތިން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ބީއެމްއެލްގެ އިސްލާމިކް ބޭންކިން ފަންޑު މުޅިން ވަކިކޮށްގެންނެވެ. އަދި އެ ހިދުމަތް ދެނީ އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ 2015 ގައި އިސްލާމިކް ބޭންކިންގެ ހިދުމަތް އެ ބޭންކުން ތައާރަފުކުރި ފަހުން މިދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އެ ހިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
"މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަން ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުން،" އޭނާ ވިދާޅުވި އެވެ.
އަމިއްލަ ފަރުދުން އަލަށް ހުޅުވާ އެކައުންޓުތަކާއި ޕާސަނަލް ފައިނޭންސް ހިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބީއެމްއެލް ކޮންވެންޝަނަލް ބޭންކިންގެ ހިދުމަތް އެ ކަސްޓަމަރަކަށް ލިބޭނެ ގޮތް ވެސް އެ ބޭންކުން ވަނީ ހަމަޖައްސައިފަ އެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ހިދުމަތްދޭ ބޭންކެވެ. މީގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި ކާޑުތަކުގެ އިތުރުން ފައިނޭންސިންގެ ޚިދުމަތްތައް ހިމެނެ އެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑު ވެސް ދޫކުރަމުން އަންނަނީ ބީއެމްއެލްއިންނެވެ. އާންމު ފަރުދުންގެ ބޭންކިން ހިދުމަތްތައް އިސްލާމިކް ބޭންކިން އަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިން ފުޅާކުރުމަށް ބީއެމްއެލް އިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ.