ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން(އޭބީއޭ)ގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފި އެވެ.

މިއީ އެ ބޯޑުގެ ތާރީހުގައި އެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. އޭބީއޭގެ ބޯޑުން ނިންމުމާ އެއްގޮތަށް ޗެއާމަންގެ މަގާމާ ޝަރީފް މިއަދު ހަވާލުވެވަޑައިގަންނަވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޝަރީފް ވަނީ 2018-2020 އަށް އޭބީއޭގެ ވައިސް ޗެއާމަންކަން ކުރައްވައިފަ އެވެ. އެ އެސޯސިއޭޝަންގެ ސްޓްރެޓީޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޝަރީފް މަސައްކަތް ކުރައްވާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"އަދި އެމަނިކުފާނުގެ ލީޑަޝިޕަށް އޮތް އިތުބާރުގެ ޔަގީންކަމާ އެކު، 2025 ވަނަ އަހަރު އަލުން އެ މަގާމަށް ވަނީ އައްޔަން ކުރައްވައިފަ އެވެ،" ބީއެމްއެލް އިން މީޑިއާއާ ހިއްސާކުރި ލިޔުމުގައި ވެ އެވެ.

އޭބީއޭގެ ޗެއާމަންގެ މަގާމަށް އައްޔަންކުރުމާ ގުޅިގެން ޝަރީފް ވިދާޅުވީ، އެ ބޯޑާއި މެންބަރު ބޭންކުތަކުން ކުރި އިތުބާރަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ތަޖުރިބާއާ އެކު، މި މަގާމުގައި އޭބީއޭ އަށް ހިދުމަތް ކޮށްދިނުމަކީ ލިބޭ ޝަރަފެއް. އަދި އަޅުގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިން ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާ ވެސް ގާތުން މަސައްކަތްކުރުން،" ބީއެމްއެލްގައި ދިގު ތާރީހެއް އޮތް ޝަރީފް ވިދާޅުވި އެވެ.

އޭބީއޭގެ ސެކްރެޓަރީ ޓްރެޝަރާ ޑރ. ޑާސަން ޗިއު ވަނީ އެ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓުމަށް ޝަރީފް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިން ސިނާއަތުގެ ކުރިއެރުމާއި ތަރައްގީ އަށް އޭބީއޭ އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އޭބީއޭގެ ސެކްރެޓަރީ ޓްރެޝަރާ ދެއްވި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މީގެ 45 އަހަރު ކުރިން އުފެއްދި އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިން އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާ އެވެ.

މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިން ދާއިރާގެ އިސްވެރިންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ރެގިއުލޭޓަރުން އަދި ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކާ އެކު، ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމާއި ގާބިލުކަން އިތުރުކުރުމާއި އެ ވަގުތަކަށް ދާއިރާ އަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާ ކުރުމެވެ.

"އޭބީއޭ އިން ޝަރީފް މި މަގާމަށް އައްޔަން ކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސް އަށާއި ރާއްޖެ އަށް ވެސް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ބޭންކިން ލީޑަޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެ އެވެ،" ބީއެމްއެލް އިން ބުންޏެވެ.

އޭބީއޭގެ މި އަހަރުގެ ކޮންފަރެންސް އަންނަ ސެޕްޓެންބަރު 1 އިން 3 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.