ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލް އިން ބުނީ، އެ ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ފަސޭހަކޮށް ހަލުވި ކުރުމަށް އަމާޒުކޮށްގެން ގެނައި ބަދަލެއް ކަމަށެވެ. އަދި އެއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެކުލަވާލާފައިވާ ދުރުރާސްތާގެ އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަންކުރަން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުންޏެވެ.
ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ސީނިއަ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ. އެގޮތުން އައިޝަތު ޒަމްރާ ޒާހިރު ވަނީ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން އޭނާ ހުންނެވީ ޗީފް މާކެޓިން އޮފިސަރުގެ މަގާމުގަ އެވެ.
މީގެ އިތުރުން ކުރިން ޗީފް ބިޒްނަސް އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ނިމާލް ވަނީ ޗީފް މާކެޓިން އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި ކުރިން ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައި ހުންނެވި ރަޝްފާ ޖައުފަރު ވަނީ ޗީފް ރިސްކް އޮފިސަރުގެ މަގާމަށް ގެނެސް އަދި އެ މަގާމުގައި ކުރިން ހުންނެވި ގެރީ ލޯޓަން ވަނީ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށެވެ. އަދި ބޭންކް މިވަގުތު އޮތީ ހަރުދަނާ މާލީ ހާލަތެއްގައި ކަމަށާއި އަދި މަގުސަދަކީ ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަގުތީ ގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ އެ ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުން ކަމަށެވެ. އަދި އެއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނައި ބަދަލުތަކަކަށް ވާތީ ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.