މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން ހިއްސާގެ ފައިދާގެ ގޮތުގައި 129 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން، އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މި އަހަރު، ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ 5.41ރ. ޖެހޭނެ އެވެ. މިއީ 2024 ވަނަ އަހަރުގައި ބެހި ހިއްސާގެ ފައިދާއާ އަޅާބަލާއިރު 26 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކޮންމެ ހިއްސާއަކަށް ޑިވިޑެންޑްގެ ގޮތުގައި އެމްއައިބީން ބެހީ 4.58ރ. އެވެ.
ހިއްސާގެ ފައިދާ ބެހުމާ ގުޅޭގޮތުން އެމްއައިބީގެ ބޯޑުން ނިންމާފައިވާ ހުށަހެޅުން ފާސްކުރާނީ އަންނަ މޭ މަހު ބާއްވަން ހަމަޖެހިފައިވާ އެ ބޭންކުގެ 16 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
އެ ބޭންކުން އިއުލާނުކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިންކަމް ޓެކްސް ގާނޫނުގައިވާ ގޮތުގައި ނޮން ރެޒިޑެންޓް ހިއްސާދާރުންނަށް 10 ޕަސެންޓުގެ ވިތުހޯލްޑިން ޓެކްސެއް ނެގިދާނެ އެވެ. ނަމަވެސް މިއީ ރެޒިޑެންސީ ސްޓޭޓަސް ޑެކްލެއާ ނުކުރާ ހިއްސާދާރުންނަށް އެކަނި ނެގޭ ޓެކްސެއް ކަމަށް އެ ބޭންކުން ބުންޏެވެ. އެހެންވެ، އެ ބޭންކުން ރެޒިޑެންސީ ސްޓޭޓަސް އަވަހަކަށް ޑެކްލެއާ ކުރުމަށް ވަނީ ބާރުއަޅައިފަ އެވެ.
މިދިޔަ އަހަރަކީ އެމްއައިބީ އަށް މާލީ ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެއްގެ ގޮތުގައި އެ ބޭންކުން ފާހަގަކުރެ އެވެ.
މި އަހަރަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ހިދުމަތް އެމްއައިބީން ތައާރަފްކުރިތާ 15 އަހަރު ފުރޭ އަހަރެވެ.