މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ބޭންކުން ބުނީ، މުއްދަތު އިތުރުކުރަން ނިންމީ އެވޯޑަށް ކުރިމަތިލާން ކުރިން ކަނޑައަޅާފައިވާ މުއްދަތު، އިތުރުކުރަން ގިނަ ބަޔަކު އެދިފައިވާތީ ކަމަށެވެ. އެވޯޑަށް ކުރިމަތިލާން ކުރިން ކަނޑައެޅި ތާރީހަކީ އޮގަސްޓް 31 އެވެ.
އެމްއައިބީން ބުނީ މި މަހުގެ 14އާ ހަމައަށް، ގެސްޓްހައުސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ހިދުމަތްތެރިންނާއި، ގެސްޓްހައުސްތަކުގެ އިތުރުން ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ހާއްސަ އެވޯޑެކެވެ.
ގެސްޓްހައުސް އެވޯޑުގައި ޖުމްލަ ތިން ކެޓަގަރީއަކުން 20 އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ދެ ޓިއާއަކަށް ބަހާލައިގެން ގެސްޓްހައުސްތަކަށް ދޭ 16 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ދޭ އިންޑިވިޖުއަލް ތިން އެވޯޑުގެ އިތުރުން "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" ގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑެއް ހިމެނެ އެވެ.
މިއީ ގެސްޓްހައުސް އެސޯސިއޭޝަނުން އެންޑޯސްކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން ކުރިއަށްގެންދަނީ ކްރޯ މޯލްޑިވްސްއިންނެވެ.