މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަންހެނުންނަށް ލީޑަޝިޕްގެ ފުރުސަތު ފަހިކޮށްދޭން ކުރާ މަސައްކަތްތައް ފާހަގަކޮށް އެ ބޭންކަށް ކެމްބްރިޖް އައިއެފްއޭ އިން ދޭ ޝަރަފްވެރި "ވުމަނައި ލީޑާޝިޕް އެވޯޑް ފޯ ކެރިއާ އެޑްވާންސްމަންޓް 2026" އެވޯޑް ލިބިއްޖެ އެވެ.

އެ އެވޯޑަކީ އަންހެނުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް މަގުފަހިކޮށްދީ، އެކި ދާއިރާތަކުން އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވެ ކާމިޔާބީ ހޯދޭނެ ފަހި މާހައުލެއް ގާއިމްކޮށްދޭން އެމްއައިބީން ދައްކަމުންދާ ނަމޫނާ ބަލައިގަނެ އެ ބޭންކަށް ދީފައިވާ އެވޯޑެކެވެ.

އެ ކާމިޔާބީގެ އިތުރުން އިސްލާމީ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުން ހިމަނައިގެން ނެރޭ "ވުމަނައި ރިޕޯޓް 2026" ގައި އެމްއައިބީގެ ފަސް އަންހެން ލީޑަރަކު ވަނީ ހިމަނައިފަ އެވެ. އަދި އެ ފަރާތްތައް އެ ރިޕޯޓުގައި ހިމަނާފައިވަނީ މާލީ ދާއިރާއަށް ކޮށްދީފައިވާ އަގުހުރި ހިދުމަތްތަކާއި ދައްކާފައިވާ އިސްނެގުމާއި ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުންނެވެ. 

އެމްއައިބީން ބުނީ އެ ކާމިޔާބީއަކީ ބޭންކުގެ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ހުނަރުވެރި އަންހެން މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ހުނަރުވެރިން ބިނާކޮށް، ވަކި ޖިންސެއް ތަފާތު ކުރުމެއް ނެތި ލީޑަޝިޕްގެ ފުރުސަތުތައް ފަހިކޮށްދީ، އަންހެނުން ބާރުވެރި ކުރުވުމުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށް އެ ބޭންކުން ބުންޏެވެ.