ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފަކަށް އެ ބޭންކުގެ ​ހެޑް އޮފް ބިޒްނަސް ސިސްޓަމްސް މިސްބާހު އަބްދުއްރަޝީދު ހޮވައި ރޭ އެވޯޑު ދީފި އެވެ. 

ބީއެމްއެލްގެ މިދިޔަ އަހަރުގެ އެންމެ ޝަރަފުވެރި އެވޯޑު، ޓެކްނޮލޮޖީ ޑިވިޝަންގައި މަސައްކަތްކުރާ މިސްބާހަށް ދިނީ އެ ބޭންކުގައި އެ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަން ކުރަން ރޭ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. 

މިސްބާހަށް އެ ޝަރަފު ލިބުނީ، މިދިޔަ އަހަރު އޭނާ ދެއްކި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދިނުން އަގުހުރި ހިދުމަތްތަކުގެ ސަބަބުން ކަމަށް ބީއެމްއެލުން ބުންޏެވެ. 

ބީއެމްއެލްގެ ޑިރެކްޓަ އޮފް ޓެކްނޮލޮޖީ ހުޝާމް ސައީދުއާ، އެ ބޭންކުގެ އެމްޑީ ޝަރީފު ރޭ އެވޯޑު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ޑިރެކްޓަ އޮފް ޓެކްނޮލޮޖީ ހުޝާމް ސައީދުއާ، އެ ބޭންކުގެ އެމްޑީ ޝަރީފު ރޭ އެވޯޑު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ބީއެމްއެލް

ބީއެމްްއެލްގެ މިދިޔަ އަހަރުގެ ލީޑަޝިޕްއެކްސެލެންސް އެވޯޑް" ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމް އެވެ. އަދި އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސާއި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑް ދިނެވެ.

ބީއެމްއެލްގެ ޗީފް ކްރެޑިޓް އޮފިސަރުު ރަޝްފާ ޖައުފަރުގެ އެވޯޑާ އެނާގެ ފަރާތުން އެހެން މީހަކު ހަވާލުވަނީ. .---ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ޗީފް ކްރެޑިޓް އޮފިސަރުު ރަޝްފާ ޖައުފަރުގެ އެވޯޑާ އެނާގެ ފަރާތުން އެހެން މީހަކު ހަވާލުވަނީ. .---ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން ބުނީ، އެ ބޭންކުގައި ދިގުމުއްދަތުގެ އިސްތިރާޖީ ކާމިޔާބީތަކަށް މުހިންމު ހިއްސާއެއްވި ފަސް މުވައްޒަފަކަށް ވެސް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް" އެވޯޑު ދިން ކަމަށެވެ.

އެ ފަސް މުވައްޒަފުންނަކީ:

  1. މޫސާ މުންސިފް އަހުމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
  2. ހުޝާމް ސައީދު، ޑިރެކްޓަ އޮފް ޓެކްނޮލޮޖީ
  3. ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރުު
  4. ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރުު
  5. އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު

އެއީ މަސައްކަތްކުރާ ދާއިރާތަކުގެ އިތުރުން، ބީއެމްއެލްގެ އިސްތިރާޖީ ރޭވުންތަކާއި މަސައްކަތްތައް ތަންފީޒު ކުރުމާއި ވިޔަފާރީގެ ނަތީޖާ ހާސިލް ކުރުމުގައި ނަމޫނާ ލީޑަޝިޕެއް ދައްކާފައިވާ ފަސް މުވައްޒަފުން ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖު، މޫސާ މުންސިފް އަހުމަދުއާ، އެ ބޭންކުގެ އެމްޑީ ޝަރީފު ރޭ އެވޯޑު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖު، މޫސާ މުންސިފް އަހުމަދުއާ، އެ ބޭންކުގެ އެމްޑީ ޝަރީފު ރޭ އެވޯޑު ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކުރެވޭ ހިދުމަތްތަކެއް ކޮށްދިން މުވައްޒަފުންނަށް 38 އެވޯޑެއް ރޭ ދިނެވެ.

މީގެ އިތުރުން، އައުޓްސްޓޭންޑިންގ ޓީމް އެޗީވްމެންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓް، މި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ ޓީމުތަކާއި މުވައްޒަފުންނަށް އެވޯޑު ދިން ކަމަށް އެ ބޭންކުން ބުންޏެވެ.

ރޭގެ ހަފުލާގައި ބީއެމްއެލްގެ އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް
ރޭގެ ހަފުލާގައި ބީއެމްއެލްގެ އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ބީއެމްއެލް

ރޭގެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވީ، މިދިޔަ އަހަރަކީ އެ ބޭންކުގެ 43 އަހަރުވީ ތާރީހުގައި މިހާތަނަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

"މިއީ ހަމައެކަނި މާލީ ގޮތުން ލިބުނު ކުރިއެރުމެއް ނޫން. މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި ބޭންކުން އަދާކުރާ ދައުރު ފުޅާވަމުންދާ ކަމުގެ ހެއްކެއް. މި ކާމިޔާބީގެ އަސްލަކީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ހީވާގިކަމާއި ފަންނީ ގާބިލްކަމާއި އަދި ކުރިއަށް ދިއުމަށް ކުރާ އުންމީދު،" އޭނާ ވިދާޅުވި އެވެ.