ކުޑަކުދިންނަށް ކުރިމަތިވާ ނަފްސާނީ އަދި އަހުލާގީ އަދި މުއާމަލާތް ކުރުމުގެ ދަތިތަކަށް ހާއްސަކޮށްގެން ދޭ ތެރަޕީގެ ހިދުމަތްތައް އީވް ކްލިނިކް ވެސްޓްޕާކާއި އީވް ކްލިނިކް ވިނަރެސްގައި ތައާރަފްކޮށްފި އެވެ. 

އެ ކްލިނިކުގައި ފަރުވާދޭ ބަލިތަކުގެ ތެރޭގައި އޭޑީއެޗްޑީ އާއި އޯޓިޒަމް ނުވަތަ ހާސްކަން އިތުރުވެ، އިހުސާސްތަކާއި އާއްމު ދިރިއުޅުމުގެ އާދަތަކާއި އިޖުތިމާއީ ގުޅުންތައް ބޭއްވުމުގައި ދަތިތައް ހުންނަ ކުދިންނަށް ހާއްސަކޮށް ދޭ "ބިހޭވިއާ ތެރަޕީ" ހިމެނެ އެވެ.

މީގެ އިތުރުން ހެދިބޮޑުވުމުގައި ދިމާވާ ލަސްތަކާއި ނިއުރޯޑިވެލޮޕްމަންޓަލް ހާލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް މުއާމަލާތް ކުރުމުގައި ކުރިމަތިވާ ދަތިތަކަށް ހާއްސަކޮށް ދޭ ސްޕީޗް ތެރަޕީގެ ހިދުމަތް ވެސް އެ ކްލިނިކުން ވަނީ ތައާރަފްކޮށްފަ އެވެ.

އޭގެ އިތުރުން ސްޓްރޯކް ޖެހުމުގެ ސަބަބުން ނުވަތަ ސިކުނޑިއަށް ލިބޭ އެކިވަރުގެ އަނިޔާތަކާއި ގުޅިގެން ބޮޑެތި މީހުންނަށް ކުރިމަތިވާ ވާހަކަ ދެއްކުމުގެ ދަތިތަކަށް ހާއްސަކޮށް ވެސް އެ ކްލިނިކުން ސްޕީޗް ތެރަޕީގެ ހިދުމަތް ދެ އެވެ. އެ ކްލިނިކުން ދޭ ސްޕީޗް ތެރަޕީގެ ތެރޭގައި ވާހަކަ ދެއްކުމާއި ބަސް ބޭނުން ކުރުމާއި ކާބޯތަކެތި ދިރުވުމުގައި ހުންނަ އުނދަގޫތަކަށް ފަރުވާދެ އެވެ. 

އީވް ކްލިނިކް ވެސްޓް ޕާކް --- ފޮޓޯ/މިހާރު
އީވް ކްލިނިކް ވެސްޓް ޕާކް --- ފޮޓޯ/މިހާރު

އީވް ކްލިނިކުން ބުނީ އެ ކްލިނިކުން ދޭ ފަރުވާތައް ފަރުމާ ކުރަނީ ކޮންމެ ކުއްޖެއްގެ ވެސް ވަކިވަކި ބޭނުންތަކަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އެ ފަރުވާއަކީ ހަމައެކަނި އަހުލާގާއި މުއާމަލާތް ކުރުމަށް ބެލުމުގެ ބަދަލުގައި ކުއްޖާގެ ޖުމްލަ ކުރިއެރުމަށް އަމާޒުކޮށް ދޭނެ ފަރުވާތަކެއް ކަމަށް އެ ކްލިނިކުން ބުންޏެވެ. އަދި ކުދިންނަށް ފަރުވާ ދިނުމުގައި ތެރަޕީ ސެޝަންތަކުގެ އިތުރުން އެކުދިންގެ ޑިވަލޮޕްމަންޓަށް ބޭނުންވާ އަމަލީ ކަންތައްތައް ބެލެނިވެރިންނަށް ކިޔައިދީ ދަސްކޮށްދޭނެ ކަމަށް އެ ކްލިނިކުން ބުންޏެވެ. 

އީވް ކްލިނިކުން ބުނީ ނަފްސާނީ އެކި މައްސަލަތައް ހުންނަ ކުދިންނަށް ޅަފަތުގައި ނުވަތަ ކުރީކޮޅުގައި ފަރުވާދީ، އެހީތެރިކަން ފޯރުކޮށްދީފިނަމަ، އެ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން  ރަނގަޅު އިރުޝާދާއި އެހީތެރިކަމާއެކު، ކުދިންގެ އިހުސާސްތައް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން އިތުރުވެ، މުއާމަލާތްކުރުން ހަރުދަނާވެ، ދިރިއުޅުމުގެ ކަންކަމުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށް އެ ކްލިނިކުން ބުންޏެވެ. 

އެ ހިދުމަތްތައް ހޯދުމަށް އެ ކްލިނިކުން މިހާރު އެ ޕޮއިންޓްމަންޓް ހެއްދޭނެ އެވެ. އަދި މާލޭގައި ހުންނަ އީވް ކްލިނިކް ވެސްޓްޕާކުން އެޕޮއިންޓްމަންޓް ހެއްދޭނީ 7280788 އިންނެވެ. އަދި އީވް ކްލިނިކް ވިނަރެސް އިން އެޕޮއިންޓްމަންޓް ހެއްދޭނީ 7604788 ނަމްބަރުންނެވެ. 

އެ ކްލިނިކްގެ ތެރަޕިސްޓުންނާއި ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު އެ ކްލިނިކުގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބޭނެ އެވެ.