މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "ފަވަރަ" ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ދޭ ހިދުމަތްތަކާ ގުޅޭ ޝަކުވާތައް ހުށަހެޅުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް އިއްޔެ ތައާރަފުކޮށްފި އެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "1544" ހޮޓްލައިން ތައާރަފު ކޮށްދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ.

މިއީ އެމްއެމްއޭގެ ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދޭ ޕޭމަންޓް ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި ހިދުމަތް ހޯދާ މީހުންނަށް ދިމާވާ އެކިއެކި މައްސަލަތައް ލުއިފަސޭހަކަމާ އެކު، އަވަހަށް ހައްލުކޮށްދިނުމުގެ ބޭނުމުގައި ގާއިމުކުރި ނަންބަރެއް ކަމަށް އެ ބޭންކުން ބުންޏެވެ.

މި ހޮޓްލައިން މެދުވެރިކޮށް ހުށަހަޅާ މައްސަލަތައް ބަލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިންނެވެ. 

އެމްއެމްއޭ އިން ބުނި ގޮތުގައި، މާލީ ހިދުމަތްތަކާ ގުޅޭ އާންމު ޝަކުވާތައް ހުށަހެޅުމަށް މިހާރު ވެސް ބޭނުންކުރަމުންދާ 1444 ނަންބަރުގެ ހިދުމަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ އެވެ.

ނަމަވެސް އަލަށް ތައާރަފުކުރި 1544 ނަންބަރަކީ ފަވަރަ އާއި ޕޭމަންޓް މޯލްޑިވްސް އިން ފޯރުކޮށްދޭ އެހެނިހެން ޕޭމަންޓް ހިދުމަތްތަކަށް ހާއްސަ ކޮށްފައިވާ ނަންބަރެކެވެ.

މިއީ ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި ކަސްޓަމަރުންނަށް ދިމާވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ލިބި، ހިދުމަތުގެ އިތުބާރު ބޮޑުވާނެ ކަމެއް ކަަމަށް އެމްއެމްއޭ އިން އުންމީދު ކުރެ އެވެ.