އަމިއްލަ ބޭނުންތަކަށް ނަގާ ލުއި ލޯނުތަކާއި ކްރެޑިޓް ކާޑަށް ބޭންކްތަކުން މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 9.2 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން ޖުލައި މަހު ރާއްޖޭގެ ބޭންކްތަކުން ދޫކޮށްފައިވާ އަދަދުތަކަކީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ 15 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ މެއި މަހުގައި ކްރެޑިޓް ކާޑާއި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކުގެ އަދަދު ހުރީ އަށް ބިލިއަން ރުފިޔާގަ އެވެ.
މިއަހަރު ފެށުުނު އިރު ކްރެޑިޓް ކާޑުތަކާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު ހުރީ 8.7 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިއަހަރުގެ މިހާތަނަށް މި އަދަދު ވަނީ ގާތްގަނޑަކަށް 450 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ކްރެޑިޓް ކާޑާއި ފާސަނަލް ލޯނުގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް އިތުރުވެފަ އެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުން 2022 ވަނަ އަހަރު އެ އަދަދު ހުރީ 4.5 ބިލިއަން ރުފިޔާގަ އެވެ. އެހެންވެ، މިހާރު އެ އަދަދު އެ ވަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފަ އެވެ. މި އަދަދުތަކުން އެނގެނީ އާންމުން އެކި ބޭނުންތަކަށް ބޭންކްތަކުން ނަގާ ދަރަނި އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމެވެ.
މިިދިޔަ އަހަރު ނިމުނު އިރު މި އަދަދު ހުރީ 8.5 ބިލިއަން ރުފިޔާގަ އެވެ.
ފަސް އަހަރު އާންމުންނަށް ދޫކުރި ދަރަނި (ކްރެޑިޓް ކާޑާއި ލުއި ލޯނު)
- 2022: 4.5 ބިލިއަން ރުފިޔާ
- 2023: 5.6 ބިލިއަން ރުފިޔާ
- 2024: 7.2 ބިލިއަން ރުފިޔާ
- 2025: 8.5 ބިލިއަން ރުފިޔާ
- 2026: 9.2 ބިލިއަން ރުފިޔާ (ޖުލައި މަހުގެ ނިޔަލަށް)
މި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ފަސް އަހަރު ތެރޭ އެވްރެޖްކޮށް ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް ދޫކުރި ދަރަނި އެއް އަހަރުން އަނެއް އަހަރަށް ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ދޫކޮށްފައިވެ އެވެ. އެންމެ ބޮޑު އަދަދެއް އިތުރުވީ 2023 އިން 2024 އަށެވެ. އެ އަހަރުތެރޭ 2.1 ބިލިއަން ރުފިޔާގެ އިތުރުވުމެއް އައިސްފައިވެ އެވެ.
ލުއި ލޯނާއި ކްރެޑިޓް ކާޑުތަކަށް ދޫކުރި ދަރަނި އިންތިހާއަށް އިތުރުވި އިރު، ބޭންކްތަކުން އެހެން ބޭނުންތަަކަށް ދޫކުރި ލޯނުގެ ޖުމްލަ އަދަދު ވެސް ވަނީ 16 ޕަސެންޓަށް އިތުރުވެފަ އެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ އަދަދު ހުރީ 41.3 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އެ އަދަދު ހުރީ 35.6 ބިލިއަން ރުފިޔާގަ އެވެ.