ރާއްޖޭގެ ބޭންކިން ދާއިރާގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ ދިވެހިންގެ ނިސްބަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 80 ޕަސެންޓަށް އިތުރުކުރުމަކީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މުހިންމު އަމާޒެއް ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި، "މޯލްޑިވްސް ޕްރެމިއާ ބޭންކު" ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ބޭންކިން ދާއިރާގެ މެނޭޖްމަންޓް ލެވެލްގެ ގާތްގަނޑަކަށް 40 ޕަސެންޓު މަގާމުތަކުގައި ތިބީ ބޭރު މީހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ތަސައްވުރަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މި ނިސްބަތް 20 ޕަސެންޓަށް ނުވަތަ އެއަށްވުރެ ދަށަށް ތިރިކޮށް، މެނޭޖްމަންޓް މަގާމުތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ދިވެހިން ކަމުގައި ހެދުން،" އޭނާ ވިދާޅުވި އެވެ.
މި އަމާޒަށް ވާސިލުވުމަށްޓަކައި ޒުވާނުން ބިނާކުރުމާއި ފަންނީ ގާބިލުކަން އިތުރުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވަމުން ގަވަރުނަރު ވިދާޅުވީ، އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ބޭންކިން ދާއިރާއަށް ބޭނުންވާ ފަންނީ ހުނަރުވެރިން އުފެއްދުމަށް އިންވެސްޓްކުރުމުގެ ގޮތުން، ބޭންކުތަކާ ގުޅިގެން އަންނަ އަހަރު "ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު" އެއް ގާއިމުކުރަން ނިންމާފައިވާ ކަން މުނައްވަރު މިރޭ އިއުލާނުކުރެއްވި އެވެ.
މާލީ ދާއިރާގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ދާއިރާއަކީ ވަރަށް ފައިދާބޮޑު ދާއިރާއެއް ކަމަށާއި، 2025 ވަނަ އަހަރު އެކަނިވެސް ޓެކްސް ކެނޑުމުގެ ކުރިން 5.15 ބިލިއަން ރުފިޔާގެ ފައިދާއެއް ބޭންކުތަކަށް ލިބިފައިވާ ކަމަށެވެ.
އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާގެ ފައިދާއިން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ރާއްޖޭން ބޭރުވެފައިވާކަން ފާހަގަކުރައްވައި، ރާއްޖޭގެ އިގްތިސާދުގެ ތެރޭގައި ފައިސާ ހިފެހެއްޓުމަށްޓަކައި ދިވެހި ބޭންކުތައް ވަރުގަދަކުރުމާއި ގިނަ ދިވެހިން މި ދާއިރާއަށް އިންވެސްޓްކުރުމުގެ މުހިންމުކަން މުނައްވަރު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ސަރުކާރުގެ "މޯލްޑިވްސް 2.0" ސިޔާސަތާ އެއްގޮތަށް ޑިޖިޓަލް ބޭންކިން އާއި އާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވުމުގެ މުހިންމުކަމާއި، އާ ހިދުމަތްތަކާއެކު ސައިބާ ސެކިއުރިޓީއާއި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް އިސްކަންދިނުމަށްވެސް ގަވަރުނަރު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.