މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "ފިންލިޓް ފެސްޓް ރަށްރަށަށް" ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ އުތުރުން ހއ. ގެ ހަ ރަށެއްގައި ބާއްވައި ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ބުނީ، މިއީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އިގްތިސާދީ ތައުލީމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި މިހާ ފުޅާ ދާއިރާއެއްގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށެވެ.
އެ ޕްރޮގްރާމް ފުރަތަމަ ފަހަރަށް ބޭއްވީ ހއ. ދިއްދު އާއި ވަށަފަރާއި ކެލާ އާއި ފިއްލަދޫ އާއި އުތީމު އަދި މުރައިދޫގަ އެވެ.
މި މަހުގެ 20-22 އަށް އެ ރަށްރަށުގައި ބޭއްވި ފިންލެޓް ފެސްޓިވަލްތަކުގައި އާންމުންނާއި ސްކޫލް ދަރިވަރުންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދިން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެ ހަރަކާތުގައި ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވެސް ބައިވެރިވަޑައިގަތެވެ. މީގެ އިތުރުން، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ވެސް އެމްއެމްއޭގެ ޓީމާއެކު ފިންލިޓްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިކަން އެ ބޭންކުން ފާހަގަކުރި އެވެ.
ދިއްދޫ
ފިންލިޓް ފެސްޓްގެ ހއ. ދަތުރުގެ ފުރަތަމަ ރަށް ދިއްދޫގައި އެ ހަރަކާތް ފެށީ ކުޑަކުދިންނަށް ހާއްސަކޮށްގެން އެމްއެމްއޭއިން ބޭއްވި 'ފިންލިޓް ފެސްޓް ކިޑްސް ކްލަބް ހައުސް' ކުޑަކުދިންގެ ހަވީރުންނެވެ. މި ހަވީރުގައި ރާއްޖޭގެ ފައިސާގެ ތާރީހު ދައްކުވައިއިދޭ ސްޓޯލެއް ވެސް ބެހެއްޓި އެވެ. މި ސްޓޯލްގައި ރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނާނެ ގޮތަށް ބަހައްޓާފައިވެ އެވެ.
މި ހަވީރުގައި މާލީ މެސެޖުތައް ލިބޭ ކަހަލަ އެކިއެކި ގޭމްސްތައް ވެސް ހާއްސަކޮށްފައި ހުއްޓެވެ. މީގެ އިތުރުން ތަފާތު އެކިއެކި ކުޅިވަރުތަކާއި ފޭސް ޕެއިންޓިން ފަދަ ކަންކަން ކުރިއަށް ގެންދިޔަ އެވެ. އަދި މާލީ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް މި ހަވީރުގެ ތެރެއިން ބައިވެރިންނާ ހިއްސާކުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ. ބައިވެރިންނަށް ހަދިޔާގެ ގޮތުގައި ގިފްޓް ކާޑުތައް ވަނީ ދީފަ އެވެ.
ކުޑަކުދިންގެ ހަވީރަށް ފަހު، މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދިއްދޫގައި އަންހެނުންނަށް ހާއްސަ ކޮށްގެން ފޯކަސް ގްރޫޕް ޑިސްކަޝަނެއް ބޭއްވި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަސްނާ ކުރިއަށް ގެންދެވި މި ސެޝަންގެ ބައިވެރިން ވަނީ މާލީ ބައިވެރިވުން އިތުރު ކުރުމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. ހާއްސަކޮށް މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވެސް ބައިވެރިން ވާހަކަ ދެއްކި އެވެ. ސެޝަންގައި ބައިވެރިންގެ ފަރާތުން ހުށަހެޅި ސުވާލުތަކަށް ޑެޕިއުޓީ ގަވަރުނަރު ޖަވާބު ދެއްވާފައިވެ އެވެ.
ވަށަފަރު
މި ރަށުގައި ބޭއްވި ހަރަކާތްތަކުގައި މާލީ ހޭލުންތެރިކަމާއި ޑިޖިޓަލް ޕޭމަންޓާއި އިގްތިސާދީ އަދި މާލީގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަހުލުވެރިކުރުން ފަދަ ކަންތައްތައް ކުރިއަށް ގެންދިޔަ އެވެ.
ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް ރިޒާ ވަނީ ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދެއްވައިފަ އެވެ. އަދި ޕޭމަންޓް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އެންޑް ޓްރާންސްފޮމޭޝަން މަރިޔަމް ޝިފާ، ފަވަރައާ ބެހޭގޮތުންނާއި ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާއި ބެހޭގޮތުން މައުލޫމާތު ދެއްވި އެވެ.
ވަށަފަރުގައި ވެސް އަންހެނުންގެ މާލީ ބައިވެރިވުމާއި އެ ފަރާތްތަކަށް މާލީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ފޯކަސް ގްރޫޕް ޑިސްކަޝަނެއް ބޭއްވި އެވެ. މި ސެޝަން ވެސް ކުރިއަށް ގެންދެވީ ޑެޕިއުޓީ ގަވަރުނަރު އަސްނާ އެވެ.
ވަށަފަރުގެ ފިންލިޓް ފެސްޓް ހަރަކާތްތައް ނިންމާލީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކްލަބް އެމްއެމްއޭއިން ބޭއްވި 'ކިޑްސް ކްލަބް ހައުސް' ކުޑަކުދިންގެ ހަވީރުންނެވެ. މި ހަވީރުގައި ރާއްޖޭގެ ފައިސާގެ ތާރީހު ދައްކައިދޭ ސްޓޯލެއް ބަހައްޓާފައި ހުއްޓެވެ. ރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނަ ގޮތަށް އެ ސްޓޯލްގައި ބެހެއްޓި އެވެ.
ފިއްލަދޫ
ފިއްލަދޫގައި އެމްއެމްއޭގެ ޓީމުން ވަނީ އެ ރަށުގެ ސްކޫލް ދަރިވަރުންނަށް މާލީ ހޭލުންތެރިކަމާއި އިގްތިސާދާ ބެހޭގޮތުން މުހިންމު މައުލޫމާތު ދިނުމަށް ސެޝަންތަކެއް ބާއްވައިފަ އެވެ.
މި ސެޝަންތަކުގައި ގަވަރުނަރު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އަސްނާ ވެސް ބައިވެރިވަޑައިގަތެވެ.
ފިއްލަދޫ ސްކޫލްގައި ބޭއްވި މި ސެޝަންގައި ދަރިވަރުންނަށް ރާއްޖޭގެ ފައިސާގެ ތާރީހާ ބެހޭގޮތުން ވެސް މައުލޫމާތު ދިނެވެ. އެ ގޮތުން މި ސެޝަންގައި އެކި ޒަމާންތަކުގައި ރާއްޖޭގައި ބޭނުންކޮށްފައިވާ ފައިސާ ފޮއްޗާއި ނޫޓުތައް ދަރިވަރުންނަށް ދެއްކުމަށް ކަރަންސީ ކޯނަރެއް ބަހައްޓާފައިވެ އެވެ.
އުތީމު
ފިންލިޓް ފެސްޓް ހަރަކާތްތައް މި ރަށުގައި ބޭއްވީ ސްކޫލް ދަރިވަރުންނަށާއި ރަށު ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. ދަރިވަރުންނަށް ހާއްސަ ކޮށްގެން ބޭއްވި ސެޝަންގައި މައުލޫމާތު ދެއްވީ ރިޒާ އެވެ. އޭނާގެ ސެޝަންގައި ކުޑައިރުއްސުރެ ފައިސާ ގެންގުޅުމުގައި ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކުރުން އަށަގެންނެވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
މީގެ އިތުރުން، އެމްއެމްއޭގެ ޓީމުން ވަނީ އުތީމު ރައްޔިތުންނަށް މާލީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ ގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސެޝަންގައި މާލީ ގޮތުން އެނގި ހުރެ ނިންމުންތައް ނިންމުމުގެ މުހިންމު ކަމާބެހޭގޮތުން މައުލޫމާތު ދީފައި ވެ އެވެ.
މުރައިދޫ
މުރައިދޫގައި އެމްއެމްއޭގެ ފިންލިޓް ފެސްޓް ޓީމުން ވަނީ އެ ރަށުގެ ސްކޫލް ދަރިވަރުންނަށް އިގްތިސާދީ ދާއިރާ އާއި މާލީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ.
ގަވަރުނަރު މުނައްވަރު ބައިވެރިވެވަޑައިގެން، ރާއްޖޭގެ އިގުތިސާދާ ބެހޭގޮތުންނާއި ބޭންކިން އާއި މާލީ ދާއިރާގެ ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވި އެވެ. މި ސެޝަންގައި ޑެޕިއުޓީ ގަވަރުނަރު ހަމްދީ ވެސް ބައިވެރިވަޑައިގެންނެވި އެވެ.
ޒިންމާދާރުކަމާއެކު ފައިސާ ހޭދަކުރުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި އިގްތިސާދުގެ އެކިއެކި ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދަރިވަރުންނާ ހިއްސާކުރި އެވެ. އަދި ޕޭމަންޓް މޯލްޑިވްސްގެ ފަރާތުން ވެސް ވަނީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާ ބެހޭގޮތުން ވެސް މައުލޫމާތު ދީފަ އެވެ.
ކެލާ
ކެލާގައި އެމްއެމްއޭގެ ޓީމުން ވަނީ އެ ރަށު ސްކޫލް ދަރިވަރުންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ސެޝަންތަކެއް ބާއްވައިފަ އެވެ. ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާ ބެހޭ ގޮތުން ވެސް ދަރިވަރުންނަށް އެ ސެޝަންގައި މައުލޫމާތު ދިން ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ކެލާގެ ސްކޫލް ދަރިވަރުންނަށް ހާއްސަ ކޮށްގެން ބޭއްވި މި ސެޝަންގައި ވެސް އެމްއެމްއޭ ގަވަރުނަރު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. ދަތުރަކީ ރަށްރަށުގައި މި ގޮތަށް މި ހަރަކާތް ފެށުމުގެ ފުރަތަމަ ބުރު ކަމަށް އެމްއެމްއޭއިން ބުންޏެވެ. ކުރިމަގުގައި ކޮންމެ އަހަރަކު ވެސް މިފަދަ ސެޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަަށް ގެންދަން މަރުކަޒީ ބޭންކުން ވަނީ ނިންމައިފަ އެވެ.
ކޮންމެ އަހަރަކު ވެސް މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި އަތޮޅުތެރޭގަ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އެމްއެމްއޭގައި މާލީ ދާއިރާއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެ އެވެ.