ޝަރީއާގެ ހަމަތަކަށް ފުރިހަމައަށް ފެތޭ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް އެމްއައިބީއިން މިއަދު ތައާރަފުކޮށްފި އެވެ.
މިއީ ރާއްޖޭގައި ފައިސާ ދެއްކުމުގެ ހިދުމަތްތައް އިސްލާމިކް ބޭންކިންގެ ނިޒާމުގެ ތެރެއިން ފުޅާކުރުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ނެރުނު މުހިންމު ކާޑުތަކެއް ކަމަށް އެމްއައިބީއިން ބުންޏެވެ.
ކާޑު ދޫކުރުމުގައި އެމްއައިބީއިން ބަލާނީ އެކަމަށް އެދޭ ފަރާތުގެ އާމްދަނީ އާއި މާލީ ޝަރުތުތަކަށެވެ.
އާ ކްރެޑިޓް ކާޑު އެމްއައިބީއިން ބަހާލާފައި ވަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ގޯލްޑް، ޕްލެޓިނަމް، ސިގްނޭޗާ އަދި ބިޒްނަސް ކާޑެވެ.
މިއީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ބޭނުންތަކަށް ހާއްސަ ކޮށްގެން ދޫކުރާ ކާޑުތަކެއްކަން އެމްއައިބީއިން ފާހަގަކުރެ އެވެ. ކޮންމެ ކާޑަކަށް ވެސް ކްރެޑިޓް ލިމިޓް ކަނޑައަޅާފައި ވަނީ 12،000ރ. އިން ފެށިގެން 300،000ރ. އާ ހަމައަށެވެ.
ވަކިވަކި ކާޑުތަކުގެ ލިމިޓްތަކަށް ބަލާއިރު، ގޯލްޑް ކާޑަށް 12،000-50،000ރ. އާއި ދެމެދުގެ ލިމިޓެއް ލިބޭއިރު، ޕްލެޓިނިއަމް ކާޑުގެ ލިމިޓަކީ 50،000- 100،000ރ. އާ ދެމެދުގެ އަދަދެކެވެ. ސިގްނޭޗާ ކާޑުގެ ލިމިޓެއް ކަމަށް އެމްއައިބީއިން ކަނޑައަޅާފައިވަނީ 100،000ރ. އިން ފެށިގެން 300،000ރ. އާ ހަމައަށެވެ. ވިޔަފާރިތަކަށް ހާއްސަ ބިޒްނަސް ކާޑުގެ ލިމިޓަކީ 100،000-300،000ރ. އާ ދެމެދެވެ.
އަމިއްލަ ފަރުދުންގެ ކާޑުތަކަށް މަހުންމަހަށް ބޭނުންކުރެވޭނެ އެމެރިކާ ޑޮލަރުގެ ވަކި ލިމިޓްތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ގޯލްޑް ކާޑަށް 300 ޑޮލަރު، ޕްލެޓިނިއަމް ކާޑާށް 400 ޑޮލަރު އަދި ސިގްނޭޗާ ކާޑަށް 500 ޑޮލަރު ދޫކުރާނެ އެވެ. ނަމަވެސް، ބިޒްނަސް ކާޑަށް ވަކި ޑޮލަރު ލިމިޓެއް ކަނޑައަޅާފައެއް ނުވެ އެވެ.
އެމްއައިބީއިން ބުނި ގޮތުގައި، މި ކާޑުތަކުން ކުރާ ހަރަދުތަކަށް ފައިސާ އަނބުރާ ދެއްކުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ. މަހުން މަހަށް ދައްކަންޖެހޭ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ނުވަތަ މުޅި އަދަދު އެއްކޮށް ދެއްކުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބެ އެވެ.
ކާޑުތަކުގެ ކޮންމެ މަހެއްގެ ސްޓޭޓްމަންޓު އެ މަހެއްގެ 10 ވަނަ ދުވަހު ލިބޭނެ އެވެ. އެ ސްޓޭޓްމަންޓަށް ރިއާޔަތްކޮށް، ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އެ މަހެއްގެ 30 ވަނަ ދުވަހުގެ ނިޔަލެވެ. ފައިސާނެޓް، ފައިސާ މޮބައިލް، އޭޓީއެމް ނުވަތަ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އެމްއައިބީއިން ބުންޏެވެ.
އެ ބޭންކުން ބުނީ، މި އައު ކްރެޑިޓް ކާޑުތައް ތައާރަފުކުރުމަކީ އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ ބަދަލުވަމުންދާ މާލީ ބޭނުންތަކަށް އެކަށީގެންވާ ޒަމާނީ ހައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.