އެމްއައިބީގެ ކަސްޓަމަރުންނަށް ބޭރު ގައުމުތަކަށް ފަސޭހަކަމާ އެކު އަދި އަވަހަށް ފައިސާ ފޮނުވޭ ގޮތަށް "ފައިސާރެމިޓް" ގެ ނަމުގައި އައު ޑިޖިޓަލް އިންޓަނޭޝަނަލް ރެމިޓެންސް ހިދުމަތެއް ތައާރަފުކޮށްފި އެވެ.
އެއީ އެމްއައިބީގެ ބްރާންޗަކަށް ޒިޔާރަތްކުރަން ނުޖެހި، އެ ބޭންކުގެ ފައިސާނެޓް މެދުވެރިކޮށް 15 ގައުމެއްގެ ބޭންކު އެކައުންޓްތަކަށާއި އިލެކްޓްރޯނިކް ވޮލެޓްތަކަށް ސީދާ ފައިސާ ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެއްކަމަށް އެމްއައިބީން ބުންޏެވެ.
އެ ހިދުމަތުގެ ދަށުން ހުއްދަ ކޮށްފައިވާ ބޭނުންތަކަށް ޓްރާންސެކްޝަނަކަށް 50 އެމެރިކާ ޑޮލަރާއި 5,000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ފޮނުވޭނެ އެވެ. ފައިސާރެމިޓް މެދުވެރިކޮށް ފޮނުވާ ގިނަ ޓްރާންސެކްޝަންތައް ވަގުތުން ނުވަތަ އެއް ދުވަސްތެރޭގައި ޖަމާވާނެ އެވެ. އެކަމަކު، އެ ފައިސާ ފޮނުވާ ގައުމާއި ލިބޭ ބޭންކަށް ބަލައި ބައެއް ޓްރާންސެކްޝަންތަކަށް ގިނަވެގެން ދެ ދުވަސް ނެގުމުގެ ފުރުސަތު އޮވެދާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެ ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފައިސާ ފޮނުވުމުގެ ކުރިން މުހިންމު މައުލޫމާތުތައް ސާފުކޮށް ފެންނަން ހުންނާނެ އެވެ. ފައިސާ ލިބޭ ފަރާތަށް ލިބޭނެ އަދަދާއި ޑޮލަރުގެ އަދަދާއި ޗާޖުތަކާއި އެކްސްޗޭންޖް ފީ އަދި އެކައުންޓުން ކެނޑޭނެ ޖުމްލަ އަދަދު ޓްރާންސެކްޝަން ކޮންފާމް ކުރުމުގެ ކުރިން ކަސްޓަމަރަށް ފެންނާނެ އެވެ.
ފައިސާރެމިޓް މެދުވެރިކޮށް ފައިސާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ޗައިނާ، އިންޑިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ނޭޕާލް، ޕާކިސްތާން، ފިލިޕީންސް، ސިންގަޕޫރު، ސްރީ ލަންކާ، ތައިލެންޑް، އިނގިރޭސި ވިލާތް، އެމެރިކާ އަދި ވިއެޓްނާމް ހިމެނެ އެވެ.
ފައިސާ ފޮނުވޭ ގައުމުތަކާއި ފައިސާގެ ބާވަތްތައް އަދި ފައިސާ ދޫކުރާ ގޮތްތައް ފައިސާ ފޮނުވާ ވަގުތު ލިބެން ހުންނަ އޮޕްޝަންތަކަށް ބަލައި ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން އަބަދުވެސް ދެމިއޮންނާނީ އާންމުންނަށް ލާބައާއި މަންފާ ހުރި ޑިޖިޓަލް ބޭންކިން އިނޮވޭޝަންތައް ކުރިއެރުވުމަށް މަސައްކަތްކުރުމުގައި ކަމަށް އެ ބޭންކުން ބުންޏެވެ.