މޯލްޑިވްސް ލިވިން އެކްސްޕޯ 2026 ގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކުރިއަށްގެންދިޔަ 50,000ރ. ފައިސާގެ އިނާމު ލިބޭ "އެމްއައިބީ ލިވިން އެކްސްޕޯ ކުއިޒް"ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެމްއައިބީން ބުނި ގޮތުގައި މި ކުއިޒްގެ ނަސީބުވެރިޔަކަށް ހޮވުނީ ހުސައިން އަލީމް އަލީ ރަޝީދު އެވެ.

މި މަހުގެ 6 - 9 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ އެ އެކްސްޕޯގައި އެމްއައިބީ ސްޓޯލަށް ޒިޔާރަތްކޮށް، ކުއިޒްގައި ބައިވެރިވި އެންމެންނަށް އެމްއައިބީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފައިސާގެ މި ބޮޑު އިނާމު ދިނީ އެމްއައިބީ ސްޓޯލްގައި ބަހައްޓާފައި ހުރި ކިއުއާރް  ކޯޑު ސްކޭންކުރުމަށް ފަހު އޮންލައިން ފޯމެއް ފުރިހަމަކޮށްގެން ބައިވެރިވެ ކުއިޒް ފުރިހަމަކުރި މީހުންނަށް ކެމްޕޭނުގެ ޝަރުތުތައް ހަމަވި ބައިވެރިންގެ ތެރެއިން ގުރުއަތު ނަގައިގެންނެވެ.