މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވަން ހަމަޖެހިފައިވާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2026" ގައި އެމްއައިބީގެ ސްޓޯލަށް ދާ ފަރާތްތަކަށް 50,000ރ.  ފައިސާގެ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ބޭންކުން ބުނީ އެކްސްޕޯގެ ތެރެއިން ކުރިއަށްދާ ހާއްސަ "އެމްއައިބީ ލިވިންގް އެކްސްޕޯ ކުއިޒް" އޮންނާނީ މި މަހުގެ 6-9 އަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.

މި ކުއިޒުގައި ބައިވެރިވުމަށްޓަކައި އެމްއައިބީ ސްޓޯލްގައި ބަހައްޓާފައިވާ ކިއުއާރް (QR) ކޯޑު ސްކޭންކުރުމަށްފަހު އޮންލައިން ފޯމު ފުރިހަމަކުރަންޖެހޭނެ އެވެ.

ކުއިޒް ފުރިހަމަކޮށް، ކެމްޕޭނުގެ ޝަރުތުތައް ހަމަވާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 50,000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ އެކްސްޕޯއަށް ޒިޔާރަތްކޮށް، ބޭންކުގެ އެންމެ ފަހުގެ ހިދުމަތްތައް ބަލައިލެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ކުއިޒުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެމްއައިބީ އިން ވަނީ އެދިފަ އެވެ.