އެމެރިކާ އިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ އެކު، ޔޫރަޕުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވެފައި ވަނިކޮށް، ދެކުނު އިރުމަތީ އޭޝިއާގައި ރާއްޖެ އިޝްތިހާރު ކުރަން ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވަރުގަދަ ހަރަކާތެއް ފަށައިފި އެވެ.
އެންެއެޗްޖީއޭއެމް އިން ބުނީ "މޯލްޑިވްސް ސައުތު އީސްޓް އޭޝިއާ ރޯޑްޝޯ" ގެ ނަމުގައި ހޮންކޮންގްގައި ފެށި އެ ހަރަކާތުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް އިންޑަސްޓްރީގެ ލީޑަރުންނާއި ޓްރެވެލް އެޖެންޓުންނާއި އެހެނިހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ރޯޑްޝޯ ރަސްމީކޮށް ފައްޓަވައި ދެއްވީ އެކަމަށް ޓަކައި ހޮންކޮންގްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންއެޗްޖީއޭއެމްގެ ރައީސް އަދި ކާނި ހޮޓެލްސްގެ ވެރިޔާ އަބްދުﷲ ނަޝީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގެ މީހުން ދަތުރުފަތުރުކުރުން ހުއްޓާ ނުލާ ކަމަށާއި ނަމަވެސް ދަތުރުކުރާ ގޮތް ތަފާތު ވެއްޖެ ކަމަށެވެ.
"މި ބަދަލުގައި ވަނީ އަޅުގަނޑުމެން ފަދަ މަންޒިލްތަކަށް ހުރި ބޮޑެތި ފުރުސަތުތަކެއް. މި ފުރުސަތުގެ މެދުގައި ވަނީ އޭޝިއާ-ޕެސިފިކް ސަރަހައްދު، އަޅުގަނޑުމެންގެ ދެވަނަ އަށް އެންމެ ބޮޑު މާކެޓް،" ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމުގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ލިސްޓުގެ ކުރީގައި އުޅުއްވާ އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް، އޭޝިއާ-ޕެސިފިކް ސަރަހައްދުން ރާއްޖެ އަށް 700،033 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 26.3 ޕަސެންޓެވެ. އެ ސަރަހައްދުން ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އަހަރަކު 12.1 ޕަސެންޓުން އިތުރުވަމުން އަންނަ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
އޭޝިއާ-ޕެސިފިކް ގައުމުތަކަކީ މިހާރު ރާއްްޖޭގެ މާކެޓުގެ 31.4 ޕަސެންޓްކަން އޭނާ ފާހަގަކުރެއްވި އެވެ.
" އާއްމުކޮށް ރާއްޖެއަށް ޓޫރިސްޓުން އަންނަ (ޓްރެޑިޝަނަލް) ދުރު ދަތުރުކުރާ މާކެޓަށް މައްސަލަތަކާ ކުރިމަތިވެފައި ވާތީ، މި ސަރަހައްދުން [ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން] އެ ހުށަހަޅައިދެނީ ސީދާ އަޅުގަނޑުމެން ބޭނުންވާ ކަންތައް، ހަމަޖެހުން، ކުރިއެރުން އަދި މޮމެންޓަމް"، ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މެދުއިރުމަތީގެ ހަނގުރާމައާ އެކު ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.