އެމެރިކާއާ އެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތަށް ހޮރްމުޒް ކަނޑުއޮޅި "މުޅިން ހުޅުވާލާފައިވާ" ކަމަށް އީރާނުން މިއަދު ބުނުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 10 ޕަސެންޓަށް ވުރެ ބޮޑަށް ވެއްޓި، ހިއްސާގެ ބާޒާރުތައް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތުގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް މަގު ހުޅުވާލާފައިވާ ކަމަށެވެ.

ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއަޅަމުން ދިޔައީ އެމެރިކާ އާއި އިޒްެރޭލުން ހަމަލާތައް ފެށުމާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރަށް އުފުލި، ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވި އެވެ.

އިރާނުގެ އިއުލާނާ އެކު، ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑް އަދި އެމެރިކާގެ ޑަބްލިއުޓީއައި ތެލުގެ އަގު ވަނީ ފީފާއެއް 90 ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ.

އަރަގްޗީ އިޝާރާތް ކުރެއްވީ ލުބުނާނާއި އިޒްރޭލާ ދެމެދު ވެފައިވާ 10 ދުވަހުގެ އެއްބަސްވުމަށް ކަމެއް ނުވަތަ މި މަހުގެ އަށްވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު ފެށި ދެ ހަފުތާގެ އެއްބަސްވުމަށް ކަމެއް އަދި ސާފެއް ނުވެ އެވެ.

ނަމަވެސް، އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް އޮތުން ދެމިއޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި އޮތް ނަމަވެސް، އީރާނުގެ މި ނިންމުމާ އެކު ސުލްހައިގެ ވާހަކަތަކަށް އޮތް އުއްމީދު ވަނީ އާވެފަ އެވެ.

ފްރާންސުގެ ރައީސް އެމަނުއަލް މެކްރޮން އާއި އިނގިރޭސި ބޮޑުވަޒީރު ކިއަ ސްޓާމަ ވަނީ، ހަނގުރާމަ ނިމުމުން ހޮރްމުޒް ކަނޑުއޮޅީގެ ވިޔަފާރި ރައްކާތެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ފައުޖެއް ފޮނުވުމާ މެދު މަޝްވަރާ ކުރައްވައިފަ އެވެ.