އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް މަޑުޖައްސައިލަން އުޅޭކަމުގެ ވާހަކަ ދުރާލައި ލީކުކޮށްގެން، ދުނިޔޭގެ ތެލުގެ ބާޒާރުން އެތައް ބިލިއަން ޑޮލަރުގެ ނާޖާއިޒު ފައިދާ ނެގިކަމުގެ ތުހުމަތުތައް އަމާޒުވެއްޖެ އެވެ.

އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާ ދިނުން ފަސް ދުވަހުގެ މުއްދަތަށް މަޑުޖައްސައިލަން ނިންމި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

ނަމަވެސް، އެކަން ރަސްމީކޮށް އިއުލާނުކުރުމުގެ ގާތްގަނޑަކަށް 15 މިނެޓު ކުރިން، ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ގަނެ ވިއްކުމުގެ އެތަކެއް ހާސް މުއާމަލާތެއް ހިންގުމުގެ ސަބަބުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެ ވަގުތުކޮޅުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި، ތެލުގެ އަގު ބަލާ މިންގަނޑު ކަމަށްވާ ބްރެންޓް ކުރޫޑާއި އެމެރިކާގެ ތެލުގެ މައި ކޮންޓްރެކްޓް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ގާތްގަނޑަކަށް ހަ މިލިއަން ފީފާ ތެޔޮ ވިއްކާފައިވާކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. 

އޭގެ ކުރިން، އާންމުކޮށް އެ ވަގުތުތަކުގައި ބާޒާރުގައި ގަނެ ވިއްކާފައިވަނީ ގާތްގަނޑަކަށް 700،000 ފީފާ ތެލެވެ.

ޓްރަމްޕްގެ އިއުލާނުގެ ކުރިން ހިންގި ތެލުގެ މުއާމަލާތްތަކުގެ އަގު 580 މިލިއަނާއި 650 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެއާ އެކު، އެ މައުލޫމާތު ދުރާލައި ލިބުނު ގޮތާ މެދު މާހިރުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރު ކްރިސް މާފީ ވަނީ، ޓްރަމްޕް އެކަން އިއުލާނުކުރައްވަން އުޅޭކަން ދުރާލައި ލީކުކޮށްގެން 1.5 ބިލިއަން ޑޮލަރުގެ "ބޮޑު ހިޔާނާތެއް" ހިންގިކަމުގެ ތުހުމަތު ކުރައްވައިފަ އެވެ. 

"1.5 ބިލިއަން ޑޮލަރުގެ ބެޓެއް ޓްރަމްޕް އިއުލާނުކުރެއްވުމުގެ ފަސް މިނެޓު ކުރިން؟ ކާކު އެކަން ކުރީ؟ ޓްރަމްޕް؟ އާއިލާގެ މެމްބަރެއް؟ ވައިޓް ހައުސްގެ މުވައްޒަފެއް؟ މިއީ ހަމަ ކަނޑައެޅިގެން ބޮޑު ކޮރަޕްޝަނެއް،" މާފީ ތުހުމަތު ކުރެއްވި އެވެ. 

ޓްރަމްޕް އެ އިއުލާނުކުރެއްވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އީރާނުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޝްވަރާތައް ކުރާ ވާހަކަ ދޮގުކޮށްފަ އެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ޣާލިބާފީ ވަނީ އެއީ ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވައި، ތެލުގެ އަގު ތިރިކުރުމަށް ޓްރަމްޕް ކުރެއްވި ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. 

އީރާނުން އެމެރިކާއާ އެކު މަޝްވަރާކުރަނީ ކޮން ބަޔަކާ ކަމެއް ޓްރަމްޕު ހާމައެއް ވެސް ނުކުރައްވަ އެވެ. އެކަމަކު މިހާރު ބައެއް ގައުމުތަކުން އެކަމާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެކަމަކު އެމެރިކާއާ އެކު އަދި މަޝްވަރާއެއް ނުހިނގާ ކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ.