މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމެ އެމެރިކާގެ އާންމުންގެ ފަރާތުން ފާޑުކިޔުން އަމާޒުވެފައި ވާއިރު، ހަނގުރާމަ ނިންމާލުމުގެ އެއްބަސްވުމާ އެކު ތެލުގެ އަގަށް އައި ބަދަލު އެމެރިކާގެ އާންމުންނާ ހިސާބަށް ނާންނާތީ ތެޔޮ ކުންފުނިތަކުގެ މައްޗަށް ތަހުގީގެއް ހިންގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަމުރުކުރައްވައިފި އެވެ. 

ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ރައްދުގައިވަނީ ތެލުގެ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެކަމަކު ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އެމެރިކާއިން ވީ އެއްބަސްވުމުގެ ދަށުން މިހާރު ވަނީ މި މަގުން ދަތުރުކުރުމުގެ ހުއްދަ ދޭން ފަށައިފަ އެވެ. 

"ބޮޑެތި ތެޔޮ ކުންފުނިތަކަށް ވަނީ ތެޔޮ ގަންނަން ލިބޭ އަގު ވަރަށް ބޮޑަށް ހެޔޮވެފައި. އެކަމަކު ޕަންޕުތަކުން އާންމުންނަށް ވިއްކާ ތެލުގެ އަގު އެ މިންވަރަށް ދަށެއް ނުވޭ،" ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތު ސޯޝަލް" ގައި ލިޔުއްވާފައިވެ އެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަނީ ވަރަށް ބާރަށް ދަށަށް. [އެކަމަކު] އެހެން އިބާރާތަކުން ބުނާނަމަ، ކަސްޓަމަރުންގެ އަތުން ބޭއިންސާފުން ބޮޑު އަގު ނަގައި އެ ދަނީ 'ލޫޓުވަމުން'،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ގިނަ މީހުން ދަތުރުފަތުރަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ތެޔޮ އަޅާ އުޅަނދުފަހަރު ކަމަށްވުމުން، ތެލުގެ އަގަށް އަންނަ ބަދަލަކީ އެ ގައުމުގައި ސިޔާސީ ގޮތުން ބަހުސް ބޮޑު ކަމަކަށްވެ އެވެ

ނޮވެމްބަރު މަހުގެ ކޮންގްރެސް އިންތިހާބު ކައިރިވަމުން އަންނައިރު، އޭނާގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި އަގުގެ މައްސަލަތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.  

ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ހަނގުރާމަ ނިމުމުން ތެލުގެ އަގުތައް "ހިލައެއްހެން ވެއްޓޭނެ" ކަމަށެވެ. ނަމަވެސް އިގްތިސާދީ މާހިރުން އެ ވާހަކައާ ދެކޮޅެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ތެލުގެ އަގުތައް ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ތިރިވުމަށް މަސްތަކެއް ނަގާފާނެ އެވެ.

އީރާން-އެމެރިކާ އެއްބަސްވުން އިއުލާނުކުރި ފަހުން ތެލުގެ އަގުތައް ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައި ވިޔަސް، އަދިވެސް ހުރީ ހަނގުރާމައިގެ ކުރިން ހުރި ވަރަށް ވުރެ މަތީގަ އެވެ. އޭއޭއޭ މޯޓާ ކްލަބުން ބުނި ގޮތުގައި އަންގާރަ ދުވަހު އާދައިގެ ޕެޓްރޯލް ގެލަނެއް (3.8 ލީޓަރު) އެވްރެޖް އަގު އެމެރިކާގައި ހުރީ 3.93 ޑޮލަރުގަ އެވެ.

އެމެރިކާގައި ތެލުގެ އަގާއި އިންފްލޭޝަން އިންތިހާއަށް މަތިވަމުން ދާއިރު، މެދުއިރުމަތީގެ ހަނގުރާމައަށް ބޭނުންކުރަނީ އެމެރިކާ މީހުންގެ ޓެކްސް ފައިސާ  ބިލިއަނުން ހޭދަކުރާ ކަމަށް ބުނެ އެމެރިކާގެ ގިނަ ބަޔަކު ދަނީ ޓްރަމްޕާ މެދު ނުރުހުން ފާޅުކުރަމުންނެވެ. -- އޭއެފްޕީ