އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ކަމަށް ބުނާ ރިޕޯޓަކާ އެކު ތެލުގެ އަގުތައް މާކެޓުގައި މިއަދު ކުޑަކޮށް ދަށަށް ހިނގައްޖެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ކުރާ މަސައްކަތުގެ ސަބަބުން ހަނގުރާމަ ދިގުލައިގެން ހިނގައިދާނެތީ، ޓްރަމްޕް މިހާރު ނިންމަވާފައިވަނީ އީރާނުގެ މިސައިލްތަކާއި ކަނޑުގެ ސިފައިންނަށް ހަމަލާދިނުމަށް އިސްކަންދިނުމަށެވެ. އޭގެ ފަހުން ޑިޕްލޮމެޓިކް މަގުން ކަނޑުއޮޅި ހުޅުވުމަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމެރިކާގައި ތެލުގެ އަގު ބޮޑުވަމުންދާތީ ވެސް ޓްރަމްޕަށް ވަނީ ފިއްތުންތަކާ ކުރިމަތިވެފަ އެވެ. އެމެރިކާގައި އެވްރެޖް ގޮތެއްގައި ތެލުގެ އަގު މިހާރު ވަނީ 2022 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ގެލަނެއް (3.8 ލިޓަރު) 4 ޑޮލަރަށްވުރެ މައްޗަށް އަރައިފަ އެވެ. 

ހަނގުރާމައާ ގުޅޭ ގޮތުން ވައިޓް ހައުސް އިން އެކި ފަހަރު އެކި ވާހަކަ ދައްކަމުން ދާތީ އިންވެސްޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އެއްކޮޅުން ޓްރަމްޕް ދަނީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރާ މަރުކަޒުތަކާއި ފެން ޕްލާންޓްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ. އަނެއްކޮޅުން ޑިޕްލޮމެޓިކް މަޝްވަރާތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިއަދު ތެލުގެ އަގުތައް 1 ޕަސެންޓަށް ދަށަށް ދިޔަ ނަމަވެސް، އަދިވެސް ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރަށްވުރެ މަތީގަ އެވެ. މާކެޓްގެ ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި، އެމެރިކާއިން އެއްގަމު މަގުން އީރާނަށް ހަމަލާއެއް ދީފިނަމަ، ތެލުގެ އަގު 150 ޑޮލަރަށްވުރެ މައްޗަށް އަރައިގެން ހިނގައިދާނެ އެވެ.

ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. ސޯލް، ޓޯކިޔޯ އަދި ޝަންހާއީ ފަދަ އޭޝިއާގެ ބާޒާރުތައް ދަށަށް ދިޔައިރު، ލަންޑަނާއި ޕެރިހުގެ ބާޒާރުތައް ވަނީ ކުޑަކޮށް މައްޗަށް ޖެހިލައިފަ އެވެ.

ހަނގުރާމައަށް ފަސް ހަފްތާ ވެފައިވާއިރު، ޖީ7 ގެ ގައުމުތަކުގެ މިނިސްޓަރުން ވަނީ ޕެރިހުގައި ބައްދަލުކޮށް އިގްތިސާދަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މީގެ ތެރެއިން ގިނަ ގައުމުތަކުން ގެންދަނީ ހަކަތަ އިގްތިސާދުކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

އެމެރިކާގެ މަރުކަޒީ ބޭންކުގެ ރައީސް ޖެރޯމް ޕަވަލް ވިދާޅުވީ، ހަކަތައިގެ އަގަށް އަންނަ ލޮޅުންތަކަކީ ވަގުތީ ކަމެއް ކަމަށް ބަލައި، ބޭންކުން އާންމު އުސޫލުން ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ކުރިއަށް އޮތް ތަނުގައި ވެސް މާކެޓްތައް ބިނާވެފައި އޮންނާނީ މެދުއިރުމަތީގެ ހާލަތުގެ މައްޗަށް ކަމަށެވެ.