ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށް ވިދާޅުވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ސުލްހައިގެ ޕްލޭނެއް ފޮނުއްވައިފި އެވެ.

އޯވަލް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު މިކަން ހާމަކުރެއްވުމާއި ހޮރްމޫޒް ކަނޑޯޅިން "ދުޝްމަން ނޫން" ގައުމުތަކުގެ ތެޔޮ ބޯޓުތަކަށް ދަތުރުކުރެވޭނެ ކަމަށް އީރާނުން ވެސް އިއުލާނުކުރުމާ އެކު ތެލުގެ އަގު ވަނީ ދަށްވާން ފަށައިފަ އެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލާ މިންގަނޑު ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު، ބުދަ ދުވަހު ހަ ޕަސެންޓާ ގާތަށް ދަށަށް ދިޔަ އެވެ.  

ޖީއެމްޓީން ދަންވަރު 12:30 ހާއިރު، ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 5.92 ޕަސެންޓް ދަށްވެ، 98.30 ޑޮލަރަށް ވެއްޓި ފައެވެ. އެމެރިކާގެ ތެލުގެ މައި ކޮންޓްރެކްޓް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ވަނީ 5.01 ޕަސެންޓް ދަށްވެ، 87.72 ޑޮލަރަށް ތިރިވެފަ އެވެ.

ޑިޕްލޮމެޓިކް ހައްލެއްގެ ކޮޅުމަތި ފެންނަން ފެށި ނަމަވެސް ހަމަލާތައް ދިނުމަކަށް ބަދަލެއް ނާދެ އެވެ. އީރާނުން އިޒްރޭލަށް ދިން ރައްދު ހަމަލާއެއްގައި ބަޔަކު ޒަހަމްވެފައި ވާއިރު އިޒްރޭލުން ވެސް ވަނީ ވަރުގަދަ ހަމަލާތައް ދީފަ އެވެ. 

އީރާނާ އެކު މަޝްވަރާ ކުރިއަށްދާ ކަމަށް ޓްރަމްޕު ކުރިން ވެސް ވިދާޅުވެފައި ވާއިރު އީރާނުން އެކަން ކަށަވަރުކޮށްނުދޭތީ އޮތީ ވަރަށް ބޮޑަށް އެކަމާ ސުވާލު އުފެދިފަ އެވެ. ނަމަވެސް އޯވަލް އޮފީހުގައި ޓްރަމްޕް މިއަދު ވިދާޅުވީ، އެމެރިކާއިން މިހާރު އީރާނާ އެކު "މަޝްވަރާތައް ކުރިއަށްގެންދާ" ކަމަށެވެ.

"އެ މީހުން އިއްޔެ ވަރަށް އަޖައިބު ކުރުވަނިވި ކަމެއް ކޮށްފި. އެ މީހުން އަހަރެމެންނަށް ހަދިޔާއެއް ދީފި. އެއީ ވަރަށް އަގު ހުރި ބޮޑު ހަދިޔާއެއް،" ޓްރަމްޕް ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ހޮރްމޫޒް ކަނޑޯޅި އަލުން ހުޅުވާލުމަށް ކަމަށް ބެލެވެ އެވެ.

"އަޅުގަނޑަށް އޭގައި މާނައެއް އެބަ އޮތް ... މި މަޝްވަރާ ކުރެވެނީ ރަނގަޅު މީހުންނާ."

ނަމަވެސް އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަަމަލާތަކުގެ ރައްދުގައި އީރާނުން ގާތްގަނޑަކަށް އެއްކޮށް ހޮރްމޫޒް ކަނޑޯޅި ބަންދުކޮށް، އެކަމާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމާ ގުޅޭ ގޮތުން ޓްރަމްޕު ތަފްސީލެއް ނުދެއްވަ އެވެ. 

ޓްރަމްޕުގެ ސުލްހައިގެ ޕްލޭން

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއިން ވަނީ 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އީރާނަށް ފޮނުވައިފަ އެވެ. މި ޕްލޭންގައި ހިމެނޭ މުހިންމު ބައިތަކަކީ:

  • އެއް މަސް ދުވަހަށް ހަމަލާތައް ހުއްޓާލުން: ދެ ފަރާތުން އެއް މަސް ދުވަހަށް ހަނގުރާމަ ހުއްޓާލައި މަޝްވަރާ ފެށުން.
  • ނިއުކްލިއާ ހަތިޔާރު މަނާކުރުން: އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލައި، މިހާރު ހުރި ޔުރޭނިއަމްތައް ހަވާލުކުރުން.
  • ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން: ޝަރުތުތަކަށް އީރާނުން އެއްބަސްވެއްޖެ ނަމަ، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުން.
  • މަދަނީ ނިއުކްލިއާ އެހީ: ބޫޝެހްރުގައި ހުރި އީރާނުގެ މަދަނީ ނިއުކްލިއާ މަރުކަޒު ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ކަނޑޯޅި ހުޅުވާލުން: ހޮރްމޫޒް ކަނޑޯޅިން ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނެ މަގު އީރާނުން ދާއިމީކޮށް ކަށަވަރުކޮށްދިނުން.

ޑިޕްލޮމެޓިކް މަސައްކަތްތައް ހިނގަމުންދިޔަ ނަމަވެސް، އެމެރިކާއިން ދަނީ އިތުރު 3,000 ސިފައިން މެދުއިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންނެވެ. އަދި އިޒްރޭލުން ބުނެފައިވަނީ ޓްރަމްޕްގެ ވާހަކައާ ގުޅިގެން ހަނގުރާމައިގެ ޕްލޭނަށް ބަދަލެއް ނާންނަ ކަމަށާއި، އީރާނަށް ދޭ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.

މިދިޔަ މަހުގެ 28 ގައި ފެށި މި ހަނގުރާމައިގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަކޮށްލައިފަ އެވެ. އަދި އެ ގައުމުން 3،000 އަށް ވުރެ ގިނަ މީހުން މަރާފައި ވާއިރު އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ވެސް 1,000 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.