އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ހޮރްމޫޒް ކަނޑޯޅި ބަންދުކޮށްފައި އޮންނަ އޮތުން 48 ގަޑިއިރު ތެރޭ ނިމުމަކަށް ނުގެނެސްފި ނަމަ އީރާން އިންޖީނުގެތަކަށް ހަމަލާދީ ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިންޒާރު ދީފި އެވެ.
އީރާނަށް ހަމަލާދޭން ފެށިތާ ތިން ހަފްތާ ފަހުން ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި މި އިންޒާރު ދީފައި މި ވަނީ ހަމަލާތައް މަޑުޖައްސާލަން ވިސްނާ ކަމަށް ވެސް އޭގެ ކުރިން ވިދާޅުވުމަށް ފަހުގަ އެވެ. މި އިންޒާރު އައީ އީރާނުން މިހާތަނަށް އިޒްރޭލަށް ދިން އެންމެ ވަރުގަދަ ރައްދު ހަމަލާތައް ވެސް ރޭ ދީފައިވަނިކޮށެވެ.
މުޅި ދުނިޔޭގެ ބާޒާރަށް ގެންދާ ތެލުގެ 20 ޕަސެންޓް އުފުލާ ހޮރްމޫޒް ކަނޑޯޅި ބަންދުކުރުމުން ތެލުގެ އަގު އުފުލިފައި ވަނިކޮށް ޓްރަމްޕު ވަނީ މެދުއިރުމައްޗަށް އެމެރިކާގެ އިތުރު އެތައް ހާސް ސިފައިންނެއް ވެސް ފޮނުވަން ނިންމައި އެ މަސައްކަތް ފައްޓަވައިފަ އެވެ.
ޓްރަމްޕް "ޓްރުތް ސޯޝަލް" ގައި ލިޔުއްވާފައިވަނީ، 48 ގަޑިއިރުގެ ތެރޭގައި (ހޯމަ ދުވަހުގެ 23:44 ޖީއެމްޓީގެ ކުރިން) ކަނޑޯޅި އެއްކޮށް ނުހުޅުވައިފި ނަމަ، އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތައް އެމެރިކާއިން "ފުނޑުފުނޑުކޮށްލާނެ" ކަމަށެވެ. އަދި ހަމަލާ ދޭން ފަށާނީ އެންމެ ބޮޑު މަރުކަޒުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ބުނީ، އެމެރިކާ އާއި މި ސަރަހައްދުގައި އެމެރިކާއަށް ތާއީދުކުރާ ގައުމުތަކުގެ ހަކަތަ އާއި ފެން އުފައްދާ މަރުކަޒުތަކަށް އީރާނުން ހަމަލާދޭނެ ކަމަށެވެ.
ޓްރަމްޕު މި މުހުލަތު ދެއްވައި އިންޒާރު ދެއްވި އިރު ރެޔަކީ އިޒްރޭލަށް ގެއްލުން ބޮޑު ރެޔެކެވެ. އީރާނުން ފޮނުވާލި ދެ މިސައިލެއް އިޒްރޭލުގެ ދެކުނުގެ ދެ އަވަށަކަށް އަރައި، 100 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. އިޒްރޭލުގެ މިސައިލް ޑިފެންސް ނިޒާމު ފޫއަޅުވާލާފައި ދިޔަ މި ހަމަލާތައް އަރާފައިވަނީ އަރާދު އަދި ދީމޫނާ އަށެވެ. ދީމޫނާއަކީ އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ އަވަށެވެ.
އީރާނުން ބުނި ގޮތުގައި ދީމޫނާއަށް ހަމަލާދިނީ، އީރާނުގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުންނެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނުގެ ތެހެރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފަ އެވެ.