ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއިން ހިމާޔަތް ދޭތީ އެކަމުގެ އަގެއްގެ ގޮތުން ފީ ދައްކަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވިތާ އެއް ދުވަސް ފަހުން އެ ނިންމުން އަނބުރާ ގެންދަވައިފި އެވެ.
އެމެރިކާ އާއި އީރާނުން އަލުން ހަމަލާތައް ފަށައި ހާލަތު ގޯސްވެފައި ވަނިކޮށް ޓްރަމްޕް އޭނާގެ 'ޓްރޫތު ސޯޝަލް' ޕްލެޓްފޯމުގައި އިއްޔެ ލިޔުއްވި ގޮތުގައި، އެމެރިކާ ދެން މަޝްހޫރުވެގެންދާނީ "ހޮރުމޫޒް ކަނޑުއޮޅީގެ ބަލަދުވެރިޔާ" ގެ ގޮތުގަ އެވެ. އެ ސަރަހައްދުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ހިނގާ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން، އެ އުޅަނދެއްގައި ހުރި މުދަލެއްގެ 20 ޕަސެންޓުގެ ފީއެއް އެމެރިކާއިން ނަގާނެ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.
ނަމަވެސް މިއަދު ވަނީ އެ ނިންމުން މިހާރު ބަދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލްގައި ލިޔުއްވި ގޮތުގައި މި ފީގެ ބަދަލުގައި ގައުމުތަކާ އެކު ހަދާނީ ވިޔަފާރީގެ އެއްބަސްވުންތަކެވެ.
"އެމެރިކާއިން 20 ޕަސެންޓުގެ ރީއިމްބާސްމަންޓް ފީގެ ބަދަލުގައި، ގަލްފުގެ އެކި ގައުމުތަކުން އެމެރިކާއާ އެކު ވިޔަފާރި އާއި އިންވެސްޓްމަންޓުތަކުގެ އެއްބަސްވުންތައް ހަދަން މިހާރު ވަނީ ނިންމާފައި،" ޓްރަމްޕް އޭނާގެ 'ޓްރޫތް ސޯޝަލް' ނެޓްވޯކުގައި ވިދާޅުވި އެވެ.
އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި އެ ބަނދަރުތަކުން ނިކުންނަ އުޅަނދުތަކަށް "ފުރިހަމަ ބްލޮކޭޑެއް" ކުރިއަށް ގެންދަވާނެ ކަމަށާއި ނަމަވެސް، މި ފިޔަވަޅު އަޅާނީ ހަމައެކަނި އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އެ ބަނދަރުތަކުން އަންނަ އުޅަނދުތަކަށް، ނުވަތަ އީރާނުގެ މުދަލާ ގުޅުންހުރި އެއްޗެއް އުފުލާ އުޅަނދުތަކަށް އެކަނި ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅިއަށް އަތްގަދަކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ. އަދި މީގެ އިތުރުން، އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގެ ގެއްލުން އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހުނު ގަލްފުގެ އަވަށްޓެރި ގައުމުތަކުން، އެމެރިކާއާ އެކު އެއްބާރުލުން ނުދިނުމަށް ވެސް އީރާނުން ވަނީ އެ ގައުމުތަކަށް އިންޒާރު ދީފަ އެވެ.