ޕާކިސްތާނުގައި ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތައް ނާކާމިޔާބުވެ، އީރާނުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމަށް އެއްބަސްވެފައި ނުވާތީ އެމެރިކާގެ ކަނޑުގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު އަމުރުކުރައްވައިފި އެވެ.

ޕާކިސްތާނުގައި މަޝްވަރާތައް ކުރިއަށް ދިޔައީ "ރަނގަޅަށް" ކަމަށާއި "ގިނަ ކަންތައްތަކަކަށް އެއްބަސްވެވުނު" ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި ދޫދިނުމަށް އެ ގައުމުން ދެކޮޅު ހަދާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

"މިހާރުން މިހާރަށް އަމަލުކުރަން ފަށާގޮތަށް، ދުނިޔޭގެ އެންމެ ވަރުގަދަ، އެމެރިކާގެ ކަނޑުގެ ސިފައިން، ހޮރްމޫޒް ކަނޑުއޮޅިއަށް ވަންނަން މަސައްކަތްކުރާ ނުވަތަ އެތަނުން ނުކުންނަން މަސައްކަތްކުރާ ހުރިހާ އުޅަނދެއް ހުއްޓުވުމުގެ މަސައްކަތް ފަށާނެ،" ޓްރަމްޕް އޭނާގެ 'ޓްރުތު ސޯޝަލް' ޕްލެޓްފޯމްގައި ވިދާޅުވި އެވެ.

"އަހަރެމެންނަށް ނުވަތަ ނުރައްކަލެއް ނެތް އުޅަނދުތަކަށް ހަމަލާދޭ އީރާނުގެ މީހަކު އަންދާލާނަން!" ޓްރަމްޕުގެ އިންޒާރުގައިވެ އެވެ.

ޓްރަމްޕް އިޝާރާތް ކުރެއްވި ގޮތުގައި މި ބްލޮކޭޑްގެ މަސައްކަތުގައި އެހެން ގައުމުތައް ވެސް ބައިވެރިވާނެ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

އީރާނާ މަޝްވަރާކުރުމަށް ޕާކިސްތާނަށް ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސް ޕާކިސްތާނުން އެނބުރި ވަޑައިގަތީ އެއްބަސްވުމަކާ ނުލަ އެވެ. އޭނާ މަޝްވަރާ ކުރެއްވީ އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލީބާފް އިސްވެ ހުންނެވި ޓީމަކާ އެކުގަ އެވެ. މިއީ 1979 ގެ އިސްލާމީ އިންގިލާބަށްފަހު ދެ ފަރާތުގެ ދެމެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ.

އީރާނުގެ ވަފުދުގައި ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި މަޝްވަރާތަކުގެ މަގުސަދަކީ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން ވީ އެއްބަސްވުން ދާއިމީ ސުލްހައަކަށް ބަދަލުކުރުމެވެ. މި ހަނގުރާމައިގައި މެދުއިރުމަތީގެ އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރައިފަ އެވެ. ނަމަވެސް މަޝްވަރާތަކުގައި އެއްވެސް ނަތީޖާއަކާ ހަމައަށް ނާދެވުނެވެ.

"އަޅުގަނޑުމެން މިތަނުން މިދަނީ ވަރަށް އާދައިގެ ހުށަހެޅުމަކާ އެކު. މިއީ އަޅުގަނޑުމެންގެ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން. އީރާނުން މިކަން ގަބޫލުކުރޭތޯ އަޅުގަނޑުމެން ބަލާނަން،" ވެންސް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ވެންސް އާއި، ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕުގެ ޅީދަރި ޖެރެޑް ކުޝްނާ ހިމެނޭ އެމެރިކާގެ މަޝްވަރާ ޓީމުން އޭނާއަށް ހުރިހާ ތަފްސީލެއް ދީފައިވާ ކަމަށެވެ.

ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލުމަށް ބޭނުންކުރާ މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ހުޅުވާލާނެ ކަމަށް އީރާނުން ވައުދުވުމަށް ފަހު އެކަން އެގޮތަށް ނުކުރި ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.

"އެމީހުން ބުނަނީ ކަނޑަށް މައިން އަޅާފައިވާ ކަމަށް، އެމީހުންގެ ކަނޑުގެ ސިފައިންގެ ގިނަ މަނަވަރުތަކާއި މައިން އަޅާ އުޅަނދުތައް އެއްކޮށް ގޮއްވާލާފައި އޮތް ނަމަވެސް. އެމީހުން އެކަން ކޮށްފައި އޮވެދާނެ، އެކަމަކު ކޮން އުޅަނދެއްގެ ވެރިއަކުތޯ އެ ނުރައްކަލާ ކުރިމަތިލާން ބޭނުންވާނީ؟" ޓްރަމްޕް ވިދާޅުވި އެވެ.

"އެމީހުން ވައުދުވި ގޮތަށް، މި ބައިނަލްއަގުވާމީ ކަނޑުގެ މަގު ހުޅުވުމުގެ މަސައްކަތް އަވަހަށް ފަށަންޖެހޭނެ!"

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ބޮން އަޅަން ފެށިތާ ހަ ހަފުތާއަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. ނަމަވެސް ހަމަލާތައް މެދުކަނޑާލުމަށް ފަހު ހޮނިހިރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަނޑުއޮޅީގައި ހުރި މައިންތައް ސާފުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ދެ މަނަވަރެއް އެތަނުން ދަތުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި، ބޭނުންވެއްޖެ ނަމަ އެމެރިކާގެ ސިފައިން "އީރާނުން ބާކީ އޮތް މަދު މިންވަރު ވެސް އެއްކޮށް ނިންމާލާނެ" އެވެ.

ޓްރަމްޕު ވިދާޅުވީ މި ތިބީ 'ފުލީ ލޮކްޑް އެންޑް ލޯޑެޑް' ގައި ކަމަށެވެ. -- އޭއެފްޕީ