ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތު ހަމަވާން ގާތްވެފައިވަނިކޮށް، އެކަން ނުކޮށްފިނަމަ އިރާންގެ މަގުތަކާއި ފާލަންތަކުގެ އިތުރުން އިންޖީނުގެތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގެ އިތުރުން ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ޓްރަމްޕް ވަނީ އިރާނަށް ވަރަށް ހަރުކަށި އިންޒާރުތަކެއް ދެއްވާފައެވެ. ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްގައި އޭނާ ތަކުރާރުކޮށް ވިދާޅުވީ އިރާންގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ، އެ ތަންތަން ސުންނާފަތިކޮށްލާނެ ކަމަށެވެ.

"މުޅި ގައުމު އެއްރޭ މަތިން ނައްތާލެވިދާނެ، އަދި އެ ރެޔަކީ މާދަމާ ރޭ ކަމަށް ވެދާނެ،" ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވި އެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" އޭނާ ވިދާޅުވީ، އަންގާރަ ދުވަހަކީ އިރާނަށް "އިންޖީނުގެ ދުވަސް" އަދި "ބްރިޖް ދުވަސް" ގޮތުގައި ތާރީޚީ ދުވަހަކަށް ވެގެންދާނެ ކަމަށެވެ. ޓްރަމްޕްގެ އަމިއްލަ "ޓްރުތް ސޯޝަލް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓްތައް ހުރީ ވަރަށް ހަރުކަށި ރާގަކަށެވެ. 

"ކަނޑުއޮޅި ހުޅުވާ، ކަލޭމެން ތިޔަ އުޅެނީ މޮޔަވެގެންތަ، ނޫންނަމަ ކަލޭމެން އުޅެން ޖެހޭނީ ނަރަކައިގައި. ބަލަން ތިބޭ!" ކަމަށް ވިދާޅުވެފައެވެ." ޓްރަމްޕް ލިޔެފައި ވެއެވެ. 

މިދިޔަ މަހުގެ 26 ވަނަ ދުވަހު ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް 10 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިތުރު 48 ގަަޑިއިރުގެ މުހުލަތެއް ދީފަ އެވެ. އެ މުހުލަތު މިއަދުގެ ނިޔަލަށް ހަަމާވާނެ އެވެ. އެކަމަކު އަދި މިހާތަނަށް އިރާނުން އެ ކަނޑުއޮޅި ހުޅުވާފައެއް ނުވެ އެވެ.

އިރާނުން ވަނީ ޓްރަމްޕްގެ މި އިންޒާރުތަކަށް ވަރުގަދަ ރައްދެއް ދީފައެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަ އިރާންގެ މިޝަނުން ބުނީ، އިރާންގެ އާންމުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ބޭނުންކުރާ ވަސީލަތްތައް ނައްތާލާނެ ކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމަކީ ބިރުވެރި އަދި ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.

"އިރާންގެ ރައްޔިތުން ދިރިތިބުމަށް ކޮންމެހެން ބޭނުންވާ މަދަނީ ވަސީލަތްތައް ނައްތާލާނެ ކަމަށް ފާޅުގައި އަނެއްކާވެސް އެމެރިކާގެ ރައީސް މިވަނީ އިންޒާރު ދީފައި،"  އިރާނުގެ މިޝަނުން ބުންޏެވެ. 

ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިރާނުގެ ޑިޕލޮމެޓިކް މިޝަނުން ބުންޏެވެ. 

އީރާނުގެ ރައީސް އޮފީހުގެ ޑެޕިއުޓީ ސްޕޯކްޕާސަން ސައްޔިދު މަހްދީ ތަބާތަބާއީ ވިދާޅުވީ، ކަނޑުއޮޅި ހުޅުވޭނީ ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމުން ކަމަށެވެ.

ނަމަވެސް ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ، އީރާނުން މިހާރު އެމެރިކާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މުހުލަތު ހަމަވުމުގެ ކުރިން އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ އޭނާ ވިދާޅުވި އެވެ.