ހޮރްމުޒް ކަނޑުއޮޅިން އުޅަނދުތައް ހުރަސްކުރުމަށް އެހީތެރިވެދިނުމަށް އެމެރިކާގެ އަސްކަރިއްޔާއިން މީގެ އެއް ދުވަސް ކުރިން ފެށި "ޕްރޮޖެކްޓް ފްރީޑަމް" އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށާއި އެއީ ހަނގުރާމަ ނިންމާލައި ސުލްހަވުމަށް އީރާނާ އެކު ހަދަން މަސައްކަތްކުރާ އެއްބަސްވުމަކަށް ފުރުސަތު ދޭން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ކޮންޓްރޯލްކޮށްފައިވާ، ގަލްފަށް ވަންނަން އޮންނަ ހަނި ސަރަހައްދެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން އުޅަނދުތައް ނުކުތުމަށް އެހީތެރިވުމަށް "ޕްރޮޖެކްޓް ފްރީޑަމް" ފެށީ ހޯމަ ދުވަހު އެވެ.

ނަމަވެސް، ރައީސް ޓްރަމްޕް ޓްރޫތު ސޯޝަލްގައި ވިދާޅުވީ، މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޕާކިސްތާނާއި އެހެނިހެން ގައުމުތަކުން އެދިގެން މިހާރު އެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، އީރާނާ އެކު "ފުރިހަމަ އަދި އެންމެ ފަހުގެ އެއްބަސްވުމަކާ ހަމައަށް ދިއުމަށް ބޮޑެތި ކުރިއެރުންތަކެއް" ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްބަސްވީ، އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅާފައިވާ ހުރަސް އެގޮތުގައި ބާއްވައިގެން، އެއްބަސްވުމުގައި ސޮއިކޮށް ނިންމޭނެތޯ ނުވަތަ ނޫންތޯ ބެލުމަށް ޕްރޮޖެކްޓް ފްރީޑަމް ކުޑަ މުއްދަތަކަށް މަޑުޖައްސާލުމަށް،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމަ ނިންމުމަށް އީރާނަށް ޕްރެޝަރު ކުރުމުގެ ގޮތުން، އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށްފައި އޮތް އޮތުން ދަނީ ދަމަހައްޓަމުންނެވެ.

ހޮރްމުޒްގެ އޮޕަރޭޝަނާ ގުޅިގެން ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އެމެރިކާއިން ބުނެފައިވަނީ އީރާނުގެ ހަތް އުޅަނދެއް ފައްތާލާފައިވާނެ ކަމަށާއި، އީރާނަށް ތުހުމަތުވާ ހަމަލާތަކެއް އާންމު އުޅަނދުތަކަކަށް އަމާޒުވެފައިވާ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގާރަ ދުވަހު ވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަން، ނުވަތަ "އޮޕަރޭޝަން އެޕިކް ފިއުރީ" ނިންމާލާފައިވާ ކަމަށެވެ.

ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމަކަށް އައިތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުން ކޮންގްރެސްއަށް ވެސް އެމެރިކާ ސަރުކާރުން ވަނީ ހަމަ މިގޮތަށް އަންގައިފަ އެވެ.

"ރައީސް ކޮންގްރެސްއަށް އެންގެވި ގޮތަށް، އެޕިކް ފިއުރީ އޮޕަރޭޝަން މިހާރު ވަނީ ނިމިފައި. އެ މަރުހަލާ މިހާރު ނިމުނީ،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވި އެވެ.

ހޮރްމުޒް ކަނޑުއޮޅީގައި ހިނގި ކުރިމަތިލުންތަކަކީ އަސްލު ހަނގުރާމައިގެ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހަމަލާދިނުމުގެ އޮޕަރޭޝަނެއް ނޫން، މިއީ ދިފާއީ އޮޕަރޭޝަނެއް. އޭގެ މާނައަކީ ވަރަށް ސާފު، އަޅުގަނޑުމެންނަށް ފުރަތަމަ ހަމަލާއެއް ނާންނަނީސް ބަޑިޖެހުމެއް ނޯންނާނެ،" ރޫބިއޯ ވިދާޅުވި އެވެ.

އިޒްރޭލާއި އެމެރިކާއިން ފެބްރުއަރީ 28 ގައި އީރާނަށް ދިން ހަމަލާތަކުގައި އިސް ވެރިންތަކެއް އަވަހާރަކޮށްލައި، އަސްކަރީ އަދި އިގްތިސާދީ މުހިންމު ތަންތަނަށް ވަނީ ގެއްލުން ދީފަ އެވެ. ނަމަވެސް އީރާނުގެ ވެރިކަން ވައްޓައެއް ނުލެވުނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ މުޅި ސަރަހައްދަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދީފަ އެވެ.

ހަމަލާތައް މެދުކަނޑާލައި އެމެރިކާ އާއި އީރާނުން އެއްބަސްވުމަކަށް އައީ މިދިޔަ މަހުގެ 8 ގަ އެވެ.  އަދި އޭގެ ފަހުން އީރާނާ އެކު މަޝްވަރާތައް ހުއްޓިފައި އޮތް ނަމަވެސް ހަމަލާ ބަދަލުކުރުން ދެ ހަފްތާއަށް މެދުކަނޑާލި ގޮތަށް އެއްބަސްވުން އޮތީ ދަމަހައްޓައިފަ އެވެ. 

ރޫބިއޯ ވިދާޅުވީ އެމެރިކާއިން ހަނގުރާމައިގެ "މަގްސަދުތައް ހާސިލުކޮށްފި" ކަމަށެވެ.

"އެމީހުންގެ އިގްތިސާދަށް މިހާރު ވަނީ ނުރައްކާތެރި، ބޮޑު ގެއްލުމަކާ ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޓްރަމްޕް އަދިވެސް ބޭނުންވަނީ އީރާނާއެކު މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އައުމަށް ކަމަށެވެ. -- އޭއެފްޕީ