ހޮރްމޫޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ޕްލޭނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހައްދަވައިފި އެވެ. 

 އީރާނުން މި ޕްލޭން ހުށަހެޅީ އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް އުވާލުމަށާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށާއި، އަދި ނިއުކްލިއާ ވާހަކަތައް އަލުން ފެށުމަށް ޝަރުތުކޮށްފަ އެވެ. އެމެރިކާ އާއި އިޒްރޭލާ އެކު ހިނގި އަސްކަރީ ކުރިމަތިލުންތަކަށް ފަހު އީރާނުން މި ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާފައިވާއިރު، މިއާ އެކު އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ ވިޔަފާރި އުޅަނދުތަކަށް ރައްކާތެރިކަން ދީގެން އެ ސަރަހައްދުން ދަތުރުކުރަން މަޖުބޫރުވެފަ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އަދި ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނުސީދާކޮށް މިކަމާ ބެހޭ ގޮތުން ކުރިއަށްދިޔަ ވާހަކަތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ރައީސް ޓްރަމްޕް ވަނީ ފުރިހަމަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނުގެ އިގްތިސާދު "ހަލާކުވެގެން" ހިނގައިދާނެކަމުގެ އިންޒާރު ދެއްވައި، މި މުހިންމު ކަނޑުއޮޅީގެ އިދާރީ ނުވަތަ ފީ ނެގުމުގެ ދާއިމީ ކޮންޓްރޯލް އީރާނަށް ދޫކޮށްނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

އަލް ޖަޒީރާއަށް އީރާނުގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާއިން އަޅާފައިވާ އިގްތިސާދީ އަދި އަސްކަރީ ހުރަސްތައް ނައްތާލަން ފެށުމުން، ހަތްވަނަ ދުވަހުގެ ނިޔަލަށް ކަނޑުއޮޅި އެއްކޮށް ހުޅުވާލަން އީރާން އޮތީ ތައްޔާރަށެވެ.

ގަލްފްގެ އަވަށްޓެރި ގައުމުތަކުން ވަނީ މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް އީރާނުން ކުރާ މަސައްކަތާ ދެކޮޅު ހަދައިފަ އެވެ. އަދި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި، މިފަދަ މުހިންމު ކަނޑުގެ މަގެއް ސިޔާސީ އުކުޅެއްގެ ގޮތުގައި ބޭނުންކުރާތީ އެގައުމުތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ.