އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ އަޅާބަލާއިރު ކުރު މުއްދަތަކަށް އަދާކުރަންޖެހޭ ކުޑަ އަގެއް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހަނގުރާމައިގެ ނިންމުން ދިފާއުކުރައްވައިފި އެވެ. 

ތެލުގެ އަގު ކަނޑައެޅުމުގެ ދެ ބެންޗްމާކް ކަމަށްވާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔުޓީއައި) އަދި ބްރެންޓް ވެސް އާދީއްތަ ދުވަހު ވަނީ 15 ޕަސެންޓު އުފުލިފަ އެވެ. މިވަރަށް އެންމެ ފަހުން ބޮޑުވީ ރަޝިޔާއިން 2022 ވަނަ އަހަރު ޔުކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ކުރީކޮޅު އެވެ. 

ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ މިއީ އީރާންގެ ނިއުކްލިއާ ނުރައްކާ ނައްތާލުމާ އަޅާބަލާއިރު އަދާކުރަންޖެހޭ ކުޑަ އަގެއް ކަމަށެވެ. އަދި މިއީ ވަގުތީ އުފުލުމެއް ކަމަށް ވައިޓް ހައުސް އިން ބުނާ ބުނުން ތަކުރާރުކުރެއްވި އެވެ. 

"އީރާންގެ ނިއުކްލިއާ ނުރައްކާ ނައްތާލެވުމާ އެކު ތެލުގެ އަގު ވަރަށް އަވަހަށް ދަށަށް ދާނެ. ތެލުގެ އަގު ވަގުތީ ގޮތުން އުފުލުމަކީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާއަށް އަދާކުރެވޭ ކުޑަ އަގެއް،" ސޯޝަލް މީޑިއާގައި ޓްރަމްޕު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ. 

"މި ނޫން ގޮތަކަށް މިކަމާ ވިސްނާނީ މޮޔައިން،" އޭނާ ވިދާޅުވެފައިވެ އެވެ. 

 މިދިޔަ މަހުގެ 28 ގައި އީރާނަށް ހަމަލާދޭން ފެށުމާ އެކު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރޭގައި ވަނީ ސާފު ނުކުރާ ތެލުގެ 20 ޕަސެންޓް އަދި ލިކުއިފައިޑް ނެޗުރަލް ގޭހުގެ 20 ޕަސެންޓް ބޭރުކުރާ ހޮރްމޫޒް ކަނޑޯޅި ގާތްގަނޑަކަށް އެއްކޮށް ބަންދުކޮށްފަ އެވެ.

އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އެ ގައުމުން ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ މަގާމުތަކަށް ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެ ގައުމުތަކުން ވަނީ ތެޔޮ އުފެއްދުން މަދުކޮށްފަ އެވެ. އެއާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަލުވިކަމާ އެކު އުފުލެމުން ގޮސް މިހާރު ވަނީ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރުން މައްޗަށް ގޮސްފަ އެވެ. 

މިކަމުގެ އަސަރު އެމެރިކާގައި އާންމުންނަށް ވިއްކާ ތެލުން ވެސް މިހާރު ފެންނަން ފަށާފައި ވާއިރު މިއީ އެ ގައުމުގައި ސިޔާސީ ބޮޑު މައްސަލައަކަށްވާ ކަމެކެވެ. އަދި ނޮވެމްބަރު މަހު މިޑްޓާމް އިލެކްޝަން އޮންނާތީ މި މައްސަލަ އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ. 

ތެލުގެ އަގު ބޮޑުވުން ދިފާއުކޮށް ޓްރަމްޕު ވާހަކަ ދައްކަވާފައި ވާއިރު އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވަނީ ތެލުގެ ސަޕްލައިގައި ތާށިކަމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. 

 ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ރައިޓް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޕެޓްރޯލިއަމް އިންޑަސްޓްރީއަށް ބޮޑު ލޮޅުމެއް އަރައި ހަލުވިކަމާ އެކު އަގުތައް ބޮޑުވަމުން ދިޔަ ކަމުގައި ވިޔަސް އެއީ މާ ގިނަ ދުވަހެއްގެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ "އެންމެ ގޯސް ހާލަތު އޮންނާނީ ހަފްތާތަކެއް ވަންދެން" ކަމަށާއި އެކަމަށް "މަސްތަކެއް ހޭދައެއް ނުވާނެ" ކަމަށެވެ.  

 އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ހަތަރު ޕަސެންޓް އީރާނުން އެކަނި ހިއްސާކުރެ އެވެ. އެ ގައުމުގެ ތެލަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ޗައިނާ ފަދަ ބައެއް މާކެޓްތަކަށް މިހާރުވެސް ވިއްކަ އެވެ. -- އޭއެފްޕީ