އީރާނާ އެކު ގާއިމުކުރަން ނިންމި ސުލްހައިގެ އެއްބަސްވުމަށް ފަހު، ހޮރްމޫޒް ކަނޑުއޮޅިން، އޮމާން ކައިރިން ތެޔޮ ބޯޓުފަހަރު ދަތުރުކުރަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
"ގިނަ އަދަދެއްގެ ތެޔޮ ބަރުކޮށްގެން ހޮރްމޫޒް ކަނޑުއޮޅިން ބޯޓުފަހަރު ނުކުމެ ދަތުރުކުރަން މިހާރު ވަނީ ފަށާފައި. އެ ބޯޓުފަހަރު ދަތުރުކުރަމުންދަނީ މުޅިން އަމާން، ރައްކާތެރި އަދި ނިޔާމަ މަގެއް ކަމަށްވާ ދެކުނު 'ހައިވޭ' އިން. މީގެ އިތުރުން ވެސް ދަތުރުކުރެވޭނެ އެހެން ސަރަހައްދުތައް އެބަހުރި!!!" ޓްރަމްޕް އޭނާގެ "ޓްރުތް ސޯޝަލް" އެކައުންޓުގައި ލިޔުއްވާފައި އެވެ.
ފެބްރުއަރީ މަހު 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމާ އެކު ފެށުނު ހަނގުރާމައިގެ ތެރޭގައި އީރާނުން ބަންދުކުރި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަކީ އަންނަ ހުކުރު ދުވަހު ސޮއިކުރަން ނިންމާފައިވާ އެއްބަސްވުމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ކަންތަކެވެ. މުޅި ދުނިޔޭފެ ތެލުގެ ސަޕްލައިގެ 20 ޕަސެންޓް އުފުލަނީ މި ކަނޑުއޮޅިން ކަމަށް ވާއިރު އެތަން ބަންދުކުރުމުން ތެލުގެ އަގު އިންތިހާއަށް އުފުލިގެން ގޮސް މުޅި ދުނިޔޭގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ.
ހޮރްމޫޒް ކަނޑުއޮޅި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން ނުދާނެ ކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް ޓްރަމްޕު ވަނީ އެއްވެސް ފީއެއް ނެގުމަކާނުލައި އެ މަގުން ދެން ދަތުރުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ސުލްހައިގެ އުންމީދާ އެކު މިހާރު ވަނީ މީގެ ދެ މަސް ދުވަސް ކުރިން ހުރި މިންވަރަށް ތެލުގެ އަގު ދަށްވެފަ އެވެ. މިދިޔަ ހަފްތާގައި 90 ޑޮލަރާ ހިސާބުގައި ހުރި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހޯމަ ދުވަހު ވަނީ 80 ޑޮލަރާ ހަމަޔަށް ދަށްވެފަ އެވެ. އަދި މިހާރު ވެސް ދަނީ ދަށްވަމުންނެވެ.
ހަނގުރާމަ ފެށުނު އިރު ތެޔޮ ފީފާއެއްގެ އަގު 110 ޑޮލަރަށް ވުރެ ވެސް މައްޗަށް ދިޔަ އެވެ.