ތުރުކީގެ އަންކާރާގައި އޮތް ނޭޓޯ ސަމިޓަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުން ފުރާވަޑައިގަތް އިރު އިރާނުން ދޭން އުޅުނު ހަމަލާއެއްގެ ނުރައްކާ ބޮޑުވުމާ ގުޅިގެން އެއާ ފޯސް ވަން އިން އެހެން މަތިންދާބޯޓަކަށް ބަދަލުވެވަޑައިގަތީ އެއާޕޯޓުގެ ކާބޯތަކެތި އުފުލާ ޓްރަކެއް ބޭނުންކުރައްވައިގެން ސިއްރިއްޔާތުގައި ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

ތުރުކީގެ އަންކާރާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެތައް ކެމެރާއެއްގެ ކުރިމަތީގައި ޓްރަމްޕް ވަނީ، އެމެރިކާގެ ރައީސް ދަތުރުކުރައްވާ "އެއާ ފޯސް ވަން" (ބޮއިން 747) އަށް އެ ދުވަހު އަރާވަޑައިގެންފަ އެވެ. އިނގިރޭސި ވިލާތަށް ކުރެއްވި އެ ދަތުރުގައި ބޯޓަށް އަރާވަޑައިގަތުމަށް ފަހު، ސިއްރިއްޔާތުގައި ވަނީ އެއާޕޯޓުގެ ކާބޯތަކެތި އުފުލުމަށް ބޭނުންކުރާ ހާއްސަ ޓްރަކަކަށް ބަދަލުކޮށް، ކައިރީގައި އޮތް ކުޑަ މިލިޓަރީ ޖެޓެއް ކަމަށްވާ C-32A އަށް އަރާވަޑައިގެންފައި ކަމަށް ރިޕޯޓްގައިވެ އެވެ. 

ޓްރަމްޕް C-32A ބޯޓުގައި ސިއްރުން އިނގިރޭސިވިލާތަށް ދަތުރުކުރެއްވިއިރު، ނޫސްވެރިންނާއި ވައިޓް ހައުސްގެ މުވައްޒަފުން ގޮވައިގެން އެއާ ފޯސް ވަން ވަނީ އޮޅުވާލުމުގެ އުކުޅެއްގެ ގޮތުގައި، އާދައިގެ މަތިން ދަތުރުކޮށްފަ އެވެ. އެ ބޯޓުގައި ތިބި ނޫސްވެރިންނަށް އޮތީ ބޯޓުގެ ކުޑަދޮރުތަކުގެ 'ޝޭޑް' ތިރިކޮށްގެން ތިބުމަށާއި އެއީ ސީކްރެޓް ސާވިސް އިން އަންގާފައިވާ ގޮތް ކަމަށް ބުނެފަ އެވެ. އެ މީހުންނަށް ހީވެފައިއޮތީ ރައީސް ޓްރަމްޕް އެ ބޯޓުގެ ހާއްސަ ކެބިންގައި އުޅުއްވާ ކަމަށެވެ.

މިކަން މިގޮތަށް ކުރަންޖެހުނީ  އެމެރިކާގެ ސީކްރެޓް ސާވިސް އާއި އިންޓެލިޖެންސް އިދާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، އިރާނުން ޓްރަމްޕް އަވަހާރަކޮށްލުމަށް ނުވަތަ ރައީސްގެ ބޯޓަށް ހަމަލާ ދީފާނެ ކަމުގެ "ވަރަށް ޔަގީން" މައުލޫމާތެއް ލިބިފައި އޮތުމުންނެވެ.  އިރާނާއި ތުރުކީއަކީ އިންވެގެން އޮންނަ ދެ ގައުމެވެ. އަދި އެ ދުވަސްވަރު އެމެރިކާ އާއި އިރާނާ ދެމެދު މަސްރަހު ވަރަށް ބޮޑަށް އޮތީ ގޯސްވެފަ އެވެ. 

ޓްރަމްޕް އެ ދަތުރުގައި ތުރުކީއަށް ވަޑައިގަތީ ގަތަރުން އެމެރިކާއަށް ހަދިޔާކޮށްފައިވާ އާ ބޮއިން 747-8 ބޯޓުގަ އެވެ. ނަމަވެސް އެ ބޯޓަކީ އަދި މިސައިލުން ދިފާއުވުމުގެ ނިޒާމުތައް ފުރިހަމައަށް ހުރި ބޯޓަކަށް ނުވާތީ، ސީކްރެޓް ސާވިސްއިން ވަނީ އެ ބޯޓުގައި އެނބުރި ވަޑައިނުގަތުމަށް އިރުޝާދު ދީފަ އެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ އާ ބޯޓުގެ ބަދަލުގައި ކުރީގެ "އެއާ ފޯސް ވަން" ބޭނުންކުރައްވަނީ "ކުރީގެ ހަނދާންތައް އާކުރުމުގެ ގޮތުން" ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކުރި ކަމެކެވެ.



ޓްރަމްޕް C-32A ބޯޓުގައި ވަޑައިގެން މަޑުކުރެއްވީ އިނގިރޭސިވިލާތުގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސްއެއް ކަމަށްވާ ރޯޔަލް އެއާ ފޯސް މިލްޑެންހޯލްގަ އެވެ. އެއަށްފަހު އަލުން އަނެއް ބޯޓުގައި އެމެރިކާއަށް ދަތުރުކުރެއްވި އެވެ.

މިއީ 2000 ވަނަ އަހަރު އެމެރިކާގެ ރައީސް ބިލް ކްލިންޓަން ޕާކިސްތާނަށް ވަޑައިގެންނެވި އިރު، ސިއްރުން އެހެން އެއާކްރާފްޓެއްގައި ދަތުރުކުރައްވައި އެއާ ފޯސް ވަން "ޑީކޯއި" އެއްގެ ގޮތުގައި ބޭނުންކުރެއްވި ހާދިސާއަށް ފަހު އެމެރިކާގެ ރައީސަކު ސިއްރިއްޔާތުގައި ސެކިއުރިޓީ އުކުޅެއް ބޭނުންކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާ އެވެ.