އީރާނުގެ އިގްތިސާދަށް އަމާޒުކޮށްގެން ވަރުގަދަ އާ ކެމްޕޭނެއް ފަށާނެ ކަމަށާއި އެ ގައުމަށް އެހީތެރިވާ ނުވަތަ އެގައުމާ އެކު ވިޔަފާރިކުރާ ކޮންމެ ގައުމަކަށް އިގްތިސާދީ ގޮތުން "ވަރަށް ބޮޑު" އަދަބެއް ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު އިންޒާރު ދެއްވައިފި އެވެ.
އިގްތިސާދީ ގޮތުން ފިއްތުންތައް ވަރުގަދަކުރަން މި ނިންމީ، ހަނގުރާމައަށް ހަ މަސް ފުރެން ކައިރިވެފައިވާއިރު، ސިޔާސީ ނުވަތަ އަސްކަރީ ގޮތުން ވެސް މިކަމަށް އަވަސް ހައްލެއް ފެންނަން ނެތް ދަނޑިވަޅެއްގަ އެވެ. މީގެއިތުރުން، ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު ކައިރިވަމުން އަންނައިރު، މި ހަނގުރާމައާ ގުޅިގެން އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ޓްރަމްޕަށް އަމާޒުވާ ފާޑުކިއުންތައް ވެސް ވަނީ އިތުރުވެފަ އެވެ.
"މިއަދު މި އިއުލާނު ކުރަނީ އެއްވެސް ގައުމަކާ ދެކޮޅަށް މިހާތަނަށް އަޅާނެ އެންމެ ވަރުގަދަ އިގްތިސާދީ ފިޔަވަޅުތައް! މިއީ ދުވަހަކުވެސް ފެނިފައިނުވާ ފަދަ ބޮޑު އިގްތިސާދީ ހަނގުރާމައަކާއި އެކަހެރިކުރުމެއް،" ޓްރަމްޕްގެ ޓްރޫތު ސޯޝަލްގައި ލިޔުއްވާފައިވެ އެވެ.
"އަދި އީރާނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ދިނުމަށް އެ ގައުމެއްގެ މާލީ އިދާރާތަކަށް، ވިޔަފާރިތަކަށް، އެއާޕޯޓުތަކަށް ނުވަތަ ސަރުކާރުގެ އިދާރާތަކަށް ހުއްދަދޭ ކޮންމެ ގައުމަކާ ދެކޮޅަށް ވެސް އިންތިހާއަށް ބޮޑެތި އިގްތިސާދީ ފިޔަވަޅުތައް އަޅާނެކަން މިއަދު އިއުލާނު ކުރަން،" އޭނާ ވިދާޅުވި އެވެ.
ގައުމުތަކަށް ދޭނެ އަދަބެއްގެ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ. އަދި އީރާން ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ނަން ވަކިން ފާހަގައެއް ވެސް ނުކުރައްވަ އެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ދުވަހަކު ވެސް ފެނިފައިނުވާ ވަރުގެ އިގްތިސާދީ އެކަހެރިކަމެއް އީރާނަށް ކުރިމަތިކުރުވާނެ ކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
މިސައިލް ހަމަލާތަކަށް ކުޑަ މަޑުޖެހުމެއް އައިސްފައިވީ ނަމަވެސް، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުން ރޫޅިގެން ދިއުމާ ގުޅިގެން، އީރާނުން ދަނީ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަންދުފަހަރަށް ހުރަސްއެޅުމުގެ ސިޔާސަތު އަލުން ތަންފީޒުކުރަމުންނެވެ. ދެފަރާތުން ވެސް މެސެޖުތައް ބަދަލުކުރަމުންދާ ކަމަށް ބުނެފައިވީ ނަމަވެސް، އަންގާރަ ދުވަހު ޓްރަމްޕް ވަނީ މަޝްވަރާތައް ހުއްޓިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކަނޑުއޮޅިއަކީ "އެމެރިކާގެ އާ ސަރަހައްދަކަށް" ވެދާނެ ކަމަށް އިޝާރާތްކުރައްވައި ސޯޝަލް މީޑިއާގައި މެސެޖެއް ވެސް ހިއްސާކުރެއްވި އެވެ. -- އޭއެފްޕީ